ސަލާމަތީ ނުރައްކަލެއް އޮތް ކަމަށް ޝައްކުކޮށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް މިރޭ ބޭއްވި ޖަލްސާ ކުރިން ރާވާފައި އޮތް ވަގުތަށް ވުރެ އަވަހަށް ނިންމާލައިފިއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅަކު ވަނީ "ސަން"އަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާއަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން އެއްވެ ވަނީ އާޓިފިޝަލް ބީޗު ސަރަހައްދު ފުރާލާފައެވެ.

މިއީ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގެ ކުރިން އެމަނިކުފާނުގެ އެންމެ ފަހު ޖަލްސާ ކަމުން، ގިނަ އަދަދެއްގެ ބަޔަކު ތިބީ އެ މަނިކުފާނު ރައްޔިތުންނާ މުޚާތަބުކޮށް ގިނަ ވާހަކަތަކެއް ދައްކަވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް، ޖޯޝާއެކު އަތްތިލަ ބަޑި ޖައްސަވަމުން ސްޓޭޖަށް އަރާވަޑައިގެންނެވި ރައީސް ނަޝީދު ވާހަކަދެއްކެވީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް އެމަނިކުފާނާއެކު އަސްލު އެމްޑީޕީ އަނބުރާ ގެނައުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދާ އަރިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ އެމަނިކުފާނުގެ ވާހަކަ ނިންމަވާލެއްވީ ސެކިއުރިޓީގެ އިރުޝާދުގެ މަތިން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

އެ ޖަލްސާ ފެށުމުގެ ކުރިން، ޖަލްސާ ކެންސަލްވެފައިވާ ކަމަށް ބުނެ އެކި މީސްމީހުންގެ ނަމުގައި ފޭކް މެސެޖުތަކެއް ފޮނުވާފައިވެއެވެ. އެގޮތުން އީވާގެ ނަމްބަރުން އެކި ފަރާތްތަކަށް މި މެސެޖު ފޮނުވަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓުގެ ލަފާގެ މަތީން އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.