މިހާތަނަށް ހިންދީ ސިނަމާގައި ރިލީޒްކުރެވުނު ފިލްމުތަކުގެ އެންމެ ގިނަ ސްކްރީންތަކުގައި ރިލީޒްކުރެވުނު ފިލްމުގެ މަޤާމު ފިލްމު "ޕަތާން" ހޯދައިފިއެވެ.

ސަތޭކައަށް ވުރެ ގިނަ ޤައުމުތަކުގައި ފިލްމު ރިލީޒްކޮށްފައިވާއިރު ފިލްމު އެޅުވުމަށް ހަމަޖެހުނު ޝޯތަކުގެ ޢަދަދު މިހާރު ވަނީ އިތުރުކޮށްފައެވެ. އިތުރު 300 ޝޯ ދައްކަން ނިންމާފައިވާއިރު މިހާތަނަށް "ޕަތާން"ގެ 8000 އަށްވުރެ ގިނަ ޝޯ ދެއްކުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހަމައެކަނި އިންޑިއާގެ އެކި ހިސާބުތަކުގައިވެސް 5،500 ސްކްރީން އަދި ބޭރު ޤައުމުތަކުގައި 2،500އެއްހާ ޝޯވް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި އަދަދުތަކާއެކު މިއީ މިހާތަނަށް އިންޑިއާގެ ފިލްމު ސިނަމާގެ ތާރީޚުގައިވެސް ރިލީޒްކުރެވުނު އެންމެ ވަރުގަދަ ފިލްމަށް "ޕަތާން" ވަނީ ވެގެން ގޮސްފައެވެ. މީގެ އިތުރުން މި ފިލްމަކީ، މިހާތަނަށް 100އަށްވުރެ ގިނަ ޤައުމުތަކުގައި ރިލީޒްކުރެވުނު އެންމެ ފުރަތަމަ ހިންދީ ފިލްމު ވެސް މެއެވެ.

އެކްޓަރު ޝާހްރުކް ޚާންގެ ވަރުގަދަ އެނބުރި އައުމާއެކު ބަތަލާ ދިޕިކާ ޕަދުކޯންއާއި ޖޯން އަބްރަހަމްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފިލްމުގައި ފެނިގެންދާއިރު، ފިލްމު ރިލީޒްކުރެވުނު ފުރަތަމަ ދުވަހުވެސް ވިޔަފާރީގެގޮތުން ފިލްމަށް ބޮޑު ކާމިޔާބީއެއްވަނީ ލިބިފައެވެ. އިންޑިއާގެ އިތުރުން ބޭރު މާކެޓުން ފިލްމަށް ލިބުނު އާމްދަނީގެ ޢަދަދު ޖުމްލަ 106 ކްރޯޑް ރުޕީސްއަށް އަރާފައިވާއިރު މި ފިލްމަކީ މި އަހަރުގެ އެންމެ ބޮޑު ހިޓަށް ވެގެންދިއުމާމެދު ޝައްކެއްނެތްކަމަށް ފިލްމު ކްރިޓިކް ތަރަން އާދަޝްވަނީ ބުނެފައެވެ.

ޚާއްޞަކޮށް ކޮވިޑް19އިގެ ޕެންޑަމިކްއަށްފަހު ބޮލީވުޑް ފިލްމަކަށް މިހާބޮޑު ތަރުޙީބެއްލިބުމުން މިއީ ތިއޭޓަރުގެ ވިޔަފާރިއަށް އެޅުނު ރަނގަޅު ފާލެއްކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ފިލްމު "ޕަތާން"ގެ ޓްރެއިލާ ރިލީޒްކުރުމާއެކު ފިލްމާ ދެކޮޅަށް ބަޔަކު މީހުން އަޑުއުފުލައި ފިލްމު ރިލީޒްވިޔަ ނުދޭނެކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. އެހެންނަމަވެސް އިއްޔެ ފިލްމު ރިލީޒްވުމާއެކު ޝާހްރުކް ޚާންގެ ފޭނުންގެ ހިތުގައި އެކްޓަރަށް ދެވިފައިވާ ލޯތްބާއި ޤަދަރުވަނީ ސިނަމާ ހޯލްތަކުގައިވެސް ދައްކާފައެވެ. އެއްބަޔަކު ތިއޭޓަރުގެ ސީޓުތަކުން ތެދުވެ ފިލްމު ދައްކަމުންދިޔަ ވަގުތު ދިޔައީ ފޯރިނަގަމުންނެވެ.

ޝާހްރުކްޚާން ފިލްމު "ޕަތާން"ގައި ކުޅުނު ރޯލާމެދުވެސް ބުނެފައިވަނީ ފިލްމީ ކެރިއަރުގައި ކުޅެން ބޭނުންވިކަހަލަ އެކްޝަން ތްރިލާ ރޯލެއްކުޅެން ލިބުނީ ފިލްމީ ކެރިއަރުގެ ވަރަށް ފަހުން ކަމަށެވެ.

މި ފިލްމަކީ، ޔާޝް ރާޖް ކުންފުނީގެ ވެރިޔާ އަދިތްޔާ ޗޯޕްރާ ޕްރޮޑިއުސްކޮށް ސިދާތް އާނަންދު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.