ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް މިއަދު ބޭއްވި ބައިއިލެކްޝަންގައި ރައްޔިތުން ދެއްވި ތާއީދަކީ ސަރުކާރުގެ ޒައާމަތަށް ރައްޔިތުން ތާއީދު އޮތްކަން ދޭހަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. ވަހީދުގެ އަރިހުގައި މި ވަގުތު ހުންނެވި ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ރައީސް އެގޮތަށް ވިދާޅުވީ ތ އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގަތް މަގުމަތީގައި ގުރައިދުއަށް މަޑުކުރައްވާ އެ ރަށުގެ ރައްޔިތުންނާ ފާލަންމަތީގައި ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ.

ރައީސް ވަނީ ގުރައިދޫގެ ރައްޔިތުންނަށާއި މިއަދުގެ އިންތިހާބުތަކުގައި ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް ތާއީދުކޮށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ މަރުހަބާ ދަންނަވާފަ އެވެ. ރައީސް އެ މަނިކުފާނުގެ ޓްވިޓާގައިވެސް ވިދާޅުވެފައި ވަނީ "ރައްޔިތުންގެ މަޖިލީހުގައި އަހަރުމެންގެ ސާފު އަގުލަބިއްޔަތެއް އެބައޮތް" ކަމަށެވެ.

ރައީސް މިރޭގެ ވަގުތެއްގައި ކައްދޫ މަގުން މާލެ ވަޑައިގަންނަވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުވިކަން ގާތްގަނޑަކަށް ޔަގީންވުމާ އެކު ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ ގުރައިދުއަށް ޖަމާވަމުން ކަމަށް ތ އަތޮޅުގައި ހަރަކާތްތެރިވާ ސަންގެ ރިޕޯޓަރު ހުސައިން ހަސަން ބުންޏެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްއިން ވާދަކުރެއްވި އަހުމަދު ޝަރީފް ގޮޑި ކާމިޔާބުކުރެއްވީ 1755 ވޯޓުންނެވެ. ވާދަކުރެއްވި މުސްތޮފާއަށް ލިބިވަޑައިގަތީ 1327 ވޯޓެވެ.

އިލެކްޝަންސުން ބުނީ ރަސްމީ ވަގުތީ ނަތީޖާ އިއުލާން ކުރާނީ މިރޭ 9:00 ޖަހާއިރު ކަމަށެވެ.