ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދުވެސް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

އެޕާޓީގެ ތާރީޚީ ޕްރައިމަރީގެ ކެމްޕޭން ނިންމަން ދެ ކެންޑިޑޭޓުން ތައްޔާރުވަމުން އަންނައިރު ހާރޫން ވަނީ ނަޝީދާ ބައްދަލުކުރައްވާ އެމަނިކުފާނަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ހާރޫން ވިދާޅުވީ ޕްރައިމަރީގައި ނަޝީދަށް ތާއީދުކުރައްވަން ނިންމެވީ މިއަދު ކަމަށެވެ. އެއީ ޕާޓީގެ ނިޒާމު ގެނެސް ޕާޓީއަށްޓަކައި އެމަނިކުފާނު ވެފައިވާ ގުރުބާނީއަށް ބެލުމަށް ފަހުގައި ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތެއް ކޮށްގެން ޕާޓީގެ ނިޒާމު ގެނައީވެސް، އެހެންވީމާ މިފަދަ ހާލަތެއްގައި ރައީސް ނަޝީދާ އެކުގައި ކުރިއަށްދިއުން ބުއްދިވެރިހެން ހީވާތީ އަޅުގަނޑު މިގޮތަށް ނިންމީ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޕްރައިމަރީގައި ވެސް މަސައްކަތް ކުރާނީ ކާމިޔާބުވާނެ ކަމުގެ އުންމީދާއެކުގައި ކަމަށެވެ.

ދާދިފަހުން ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ނަޝީދަށް ތާއީދުކުރައްވަން ނިންމަވައިފައެވެ. އޭނާ ވަނީ އެމަނިކުފާނާއިއެކު ކެމްޕޭނަށް ވެސް ވަޑައިގަންނަވައިފައެވެ. އެކަމަކު، ސަރުކާރުގެ ގިނަ އިސްވެރިން ތާއީދުކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.