މިއަދު ކުރިއަށްދާ ކާށިދޫ ދާއިރާ އާއި ތިމަރަފުށީދާއިރާގެ ވޯޓުލުން ކުރިއަށް ދަނީ އޮމާންކަމާ އެކުގައި ކަމަށާއި އެއީ ރާއްޖޭގައި އަވަސް ރިޔާސީ އިންތިހާބެއް ބޭއްވޭނެ މާހައުލު އޮތް ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި އެކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް، އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގެ ވޯޓްލުން އޮމާންކަމާ އެކު ކުރިއަށް ދާ ކަމީ އިންތިހާބު ބޭއްވޭނެ މާހައުލެއް ރާއްޖޭގައި އޮތް ކަމުގެ ހެއްކެއް ކަމަށެވެ.

"ވޯޓްލާ މަރުކަޒުތަކުން މިއަދު ފެންނަމުން މިދާ މަންނަޒަރުތަކުން ރާއްޖޭގައި ( އިންތިހާބު ބޭއްވުމަށް އެކަށީގެންވާ) މާހައުލު އޮތްކަން ސާފު، ޑިމޮކްރަސީއަށް އެނބުރި ދިއުމަށް ރާއްޖޭގައި ވަރަށް އަވަހަށް ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ" އެމްޑީޕީގެ ސްޕޯކްސް ޕާސަން ފޯ އިންޓަނޭޝަނަލް އެފެއާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ވިދާޅުވި ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މިއަދުގެ ބާކީ އޮތް ވަގުތުގައި ވެސް ހިމޭންކަމާ އެކު ތިބުމަށް އެމްޑީޕީގެ ބަޔާނުގައި އެޕާޓީގެ މެމްބަރުންނަށް ގޮވާލާފައިވެ އެވެ. އަދި ބައި އިލެކްޝަންތައް މިނިވަން އިންސާފުވެރިކަމާ އެކު ބާއްވާނެ ކަމާ މެދު އިލެކްޝަން ކޮމިޝަނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

މިއަދު ވޯޓުލަމުން އަންނަ ހަތަރު ބައި އިލެކްޝަންގެ ވޯޓުލުން ދަނީ ޖުމްލަކޮށް އޮމާންކޮށް ކަމަށް އިލެކްޝަންސް އިން ބުނެ އެވެ. ނަމަވެސް މިއަދު ގުރައިދޫގައި ވޯޓުލަމުން ދަނިކޮށް، ރަށު ކައުންސިލްގެ ބިއްލޫރިތައް ވަނީ ތަޅާލައިފަ އެވެ. އަދި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.