26 Jan 2023, 15:36
މާލޭ ސިޓީ ކައުންސިލުން މާލެތެރެއިން ކުނި ނެގުމަށްފަހު ކުނި ޖަމާކޮށްފައި ބެހެއްޓުމުން، އެތަން ސާފުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެ ކައުންސިލަށް އަންގައިފިއެވެ.
އެދުރު ހިޔާ ފްލެޓުތަކާ ޖެހިގެން ހުރި ސިޓީ ކައުންސިލުގެ ކޮށްޓެއްގައި ކުނިތަކެއް ޖަމާކޮށްފައިވާ ފޮޓޯތަކެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
އެ ކުނިތައް ނެގުކަމަށް އީޕީއޭއިން ސިޓީ ކައުންސިލަށް މިއަދު މެންދުރު ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލު މަރިޔަމް ޝިއުނާ މިއަދު "ސަން"އަށް ވިދާޅުވީ އީޕީއޭއިން އެ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ ކުނި ގުދަން ކުރުމާއި ކުނި މެނޭޖު ކުރަން ޖެހޭނީ އީޕީއޭގެ ހުއްދަ ނަގައިގެން ކަމަށެވެ. އަދި އީޕީއޭގެ އެންގުމާ އެއްގޮތަށް އެ ކައުންސިލުން މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެފަދަ ކުނިތައް ބަހައްޓާނެ ވަކި ސަރަހައްދެއް އީޕީއޭއިން ކަނޑައަޅައިދޭން ޖެހޭ ކަމަށް ދެކިލައްވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ކުނި އެއްކޮށްފައިވާ ފޮޓޯތަކާ ގުޅިގެން ޝިއުނާ ވިދާޅުވީ އެ ކައުންސިލުން ނެގި ކުނި، ބާޖަށް ހުސްކުރަން ދިއުމުން ވެމްކޯއިން ކައުންސިލުގެ ލޮރީތައް އެތަނަށް ނުވެއްދި ކަމަށެވެ.
"ބާޖަށް އެ ކުނިތައް ހުސްކުރެވެން ނެތުމުން ކުނިތައް ވަނީ ސިޓީ ކައުންސިލުގެ ބިމެއްގައި ބެހެއްޓިފަ. އެއީ ކޮންމެ ދުވަހަކުވެސް ހުސްކުރެވޭ ކުނިތަކެއް،" އޭނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ ކޮންމެ ދުވަހަކު ނަގާ ކުނިތައް ބާޖަށް ހުސްކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި އެ ކައުންސިލުގެ މަސައްކަތްތައް ކުރުމަށް ވެމްކޯއިން ހުރަސް އަޅާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ޖަމާކޮށްފައިވާ ކުނިތަކާ ގުޅިގެން މިއަދު ހެނދުނު، އެ ކައުންސިލުން އެންމެ ފުރަތަމަ ބުނީ، އެ ކުނިތައް ނެގުމަށް އީޕީއޭއިން އެ ކައުންސިލަށް އަންގާފައި ނުވާ ކަމަށެވެ.
ކުނި ނެގުމަށް އަންގައި ސިޓީ ކައުންސިލަށް އީޕީއޭއިން ސިޓީ ފޮނުވާފައިވަނީ އެފަދަ އެއްވެސް އެންގުމެއް އަންގާފައިނުވާ ކަމަށް ސިޓީ ކައުންސިލުން ބުނި ފަހުން ކަމަށް އެ ކައުންސިލުން ބުނެއެވެ.
އެކަމާ ގުޅިގެން އީޕީއޭގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.