އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކުގެތެރޭގައި ބައެއް ބޭފުޅުންގެ މަންދޫބުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެފައިވީ ނަމަވެސް އެއީ ކޮން ނުފޫޒެއް ކަމެއް ބުނެދެފައިނުވާތީ އެ މައްސަލަ ނުބެލޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޝަކުވާ ބަލައި ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ ބައެއް ބޭފުޅުންގެ މަންދޫބުންނަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މަންދޫބަކަށް ނުވަތަ ކޮން ނުފޫޒެއް ކަމަށް ޝަކުވާގައި ބުނެފައިވާ ނުވާ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އެފަދަ މައްސަލައެއް އުޅޭނަމަ އެއީ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭނެ ކަމެއް ކަމަށް ދެކިވަޑައިގަންނާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް އެކަމެއް ނުބެލޭނެ އެގޮތަކަށް. އެންމެ ކުޑަމިނުން އަޅުގަނޑުމެން ކައިރީގަ ބުނަންވާނެ ކޮން މަންދޫބަކަށްތޯ ނުފޫޒު ފޯރުވީ. އޭރުން އަޅުގަނޑުމެންނަށް އެ މަންދޫބެއް ކައިރީގަ އަހާލެވޭނީ ވެސް،" އިބްރާޙިމް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަ ބެލޭނީ ފޯރުވީ ކޮންކަހަލަ ނުފޫޒެއް ކަން އެނގިގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން ހުރިހާ މަންދޫބުންނަށް ގުޅައިގެން އެކަން ނުކުރެވޭނެ ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ އެ ކޮމިޓީން ކުރަން ޖެހޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އެ ކޮމިޓީގެ މެންޑޭޓޫގައި ހިމެނޭ ކަމެއް ނަމަވެސް ޝަކުވާ ހުށަހަޅުއްވަން ވާނީ އެކަން ބެލޭނެ ގޮތަކަށް ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

"ބެލޭނެ ގޮތަކަށް ޝަކުވާ ހުށަހަޅުއްވަން ވާނީ. ޝަކުވާ ކުރުމުގެ ފުރުސަތު އޮތުމަކީ އަޅުގަނޑުމެންނަށް ނުބެލޭނެ ކަންކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުއްވުމެއް ނޫން،" އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ވިދާޅުވީ މިއަދުގެ މިހާތަނަށް ހުށަހެޅިފައި ވަނީ 555 ޝަކުވާއެއް ކަމަށެވެ. އަދި އެ ހުރިހާ ޝަކުވާތަކަކަށް ޝަކުވާ ބަލައި ކޮމިޓީން ޖަވާބު ދީފައިވާނެ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ވޯޓު ކުރިޔަށްދާ ގަޑީގައި ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ ކޮމިޓީގެ މެމްބަރުން އެ ދުވަހުން އެ ދުވަހަށް ވެސް ޝަކުވާއަށް އެޓެންޑްވެ، ޖަވާބުދާރީ ވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަނަސް ވިދާޅުވީ މައިގަނޑު ގޮތެއްގައި ހުރީ ވޯޓާސް ލިސްޓުގައި ނަން ނެތިގެން ކޮށްފައިވާ ޝަކުވާތައް ކަމަށެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ގެންދަނީ އިންތިޚާބުގެ އިންސާފުވެރި ކަމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި، ވަކިން ޚާއްސަކޮށް ޕާޓީން އެކުލަވައިލި ޝަކުވާ ބަލާ ކޮމެޓީގައި ތިބީ ރައީސަށް ތާއީދުކުރައްވާ މެންބަރުން ކަމަށް ވަނީ ތުހުމަތު ކުރައްވައިފައެވެ.

އޭގެ އިތުރުން ދަފުތަރުގައި ތިބި އެތައް ހާސް މެމްބަރުންނެއް ވަކިކޮށްފައި އިންތިޚާބު ބާއްވަން ނިންމުމާ ގުޅިގެން ވެސް ނަޝީދު ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ޕްރައިމަރީއަށް އިއުލާނު ކުރުމާއެކު ނަޝީދު ގެންދަވަނީ އެ ޕާޓީގެ ދަފުތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. އަދި އެ ޕާޓީގެ ދަފުތަރު ސައްހަ ކުރުމަށް ކަމަށް ބުނެ ޕާޓީން ވަކިކޮށްފައިވާ 39،000އަށް ވުރެ ގިނަ މެމްބަރުންނަކީ އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ.

އެއަށް ރައްދުދެއްވަމުން ޝަކުވާ ބަލާ ކޮމެޓީގެ މެމްބަރު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ މެމްބަރުން ދަފުތަރުން ވަކިކުރީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ނެތް މެމްބަރުންނަށް ޕާޓީއަށް ރުޖޫޢަވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ.