ފޯސީޒަން ރިސޯޓުން ހިންގި ތަމްރީން ޕްރޮގްރާމްތަކެއް ފުރިހަމަ ކުރި ބައިވެރިނަށް ސެޓްފިކެޓް ދީފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓަލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހައުސްކީޕިން، ފޫޑް ޕުރެޕަރޭޝަން، ފޫޑް ބެވަރޭޖް، ޑުރައިވް މާސްޓާ، ސޭފް މެރީން ޓުރާންސްޕޯޓް، އަދި ވޯޓާ ސުޕޯޓުސް، އިން ކޯސް ފުރިހަމަ ކުރި 34 ބައިވެރިއަކަށް ސެޓްފިކެޓް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމު އަހުމަދެވެ.

މިއަދުގެ ހަފުލާގައި ވަނީ މި އަހަރު އެ ރިސޯޓުން ހިންގަން ކަނޑައަޅާފައިވާ، ސޭފް މެރީން ޓުރާންސްޕޯޓް، ހައުސްކީޕިން، ފޫޑް ބެވަރޭޖު، ވޯޓާ ސުޕޯޓުސް، އަދި ޑުރައިވް މާސްޓާ ކޯސް އިފުތިތާހުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފޯސީޒަން ރިސޯޓުގެ ޖެނެރަލް މެނޭޖާ އާމަންޑޯ ކުރެއިޒިލިން ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކިކަން ކޮޅުތަކުން އެ ކޯސްތަކުގައި ބައިވެރިވަން ކުދިން އަންނަމުންދާ ކަމަށާއި ކޯހުގެ ސަބަބުން އެ ހުރިހާ ކުދިނަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ.

"އަޅުގަނޑު މެންނާ ހަމައަށް އެކުދިން އަންނަ އިރު އެކުދިންނަކީ އެއްވެސް ތަޖުރިބާއެއް ހުންނަ ކުދިނެއް ނޫން. އެކަމަކު މިކޯސް ނިމިގެން ދާ އިރު އެ ކުދިން ވާނީ ފަސް ތަރީގެ ރިސޯޓުގައި ވެސް މަސައްކަތް ކުރެވޭނެ ފެންވަރުގެ ކުދިނަށް." ކުރެއިޒިލިން ވިދާޅުވި އެވެ.

ހަފްލާގެ ޝަރަފްވެރި މެހެމާނު ޑރ. އާސިމް ވިދާޅުވީ މި ކޯހަކީ ވަރަށް ރަނގަޅު ކޯހެއް ކަމަށާއި މިކޯހުގެ ސަބަބުން އެތައް ކުދިންތަކަކަށް ފައިދާތަކެއް ލިބޭނެ ކަމަށެވެ.

މި ކޯސްތަކަކީ 2000 ވަނަ އަހަރުން ފެށިގެން ފޯސީޒަން ރިސޯޓުން ކޮންމެ އަހަރަކު ހިލޭ ހިންގަމުން އަންނަ ކޯސްތަކެކެވެ.