14 Apr 2012, 14:33
ދައުލަތުން ނަގާފައިވާ ބޭރުގެ ދަރަނި 10.6 ބިލިޔަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުން ނަގާފައިވާ އަދި ދައުލަތުން ގެރެންޓީދީގެން މިހާތަނަށް ނަގާފައިވާ ދަރަނީގެ އަދަދަކީ 10.6 ބިލިޔަން ރުފިޔާ އެވެ.
ދަރަނީގެ އަދަދު ޖެނުއަރީ މަހު ހުރި ވަރަށް ވުރެ ފެބްރުއަރީ މަހު ހުރި އަދަދު އިތުރުވެފައި ވަނީ އެކްސްޗޭންޖް ރޭޓް ބަދަލުވެފައި ވާތީ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ. ޖެނުއަރީ މަހު ދަރަނީގެ އަގު ކުރުމަށް އެކްސްޗޭންޖް ރޭޓެއް ކަމަށް ބަލާފައި ވަނީ 15.39.ރ އެވެ. އެހެންވެ އޭރު ދަރަނީގެ އަދަދަކީ 10.5 ބިލިޔަން ރުފިޔާ އެވެ. ނަމަވެސް ފެބްރުއަރީ މަހު އެކްސްޗޭންޖް ރޭޓަކީ 15.14.ރ ކަމަށް ބެލުމުން ދަރަނީގެ އަދަދަކީ 10.6 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ.
ބޭރުގެ ދަރަނިތައް އަދާކުރުމަށް ފިނޭންސް މިނިސްޓްރީން ފެބްރުއަރީ މަހު 30.80 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެކިއެކި މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 99.70 މިލިޔަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނެފައި ވަނީ މިހާރު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަކީ އަދި އޮޑިޓް ނުކުރާ ތަފާސްހިސާބުތަކެއް ކަމަށެވެ.