26 Jan 2023, 18:23
ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނި ވަންޕްލަސްއިން އަންނަ ފެބްރުއަރީ މަހު އާ ޓެބްލެޓެއް ނެރޭނެ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
މި ޓެބްލެޓް ނެރޭނެކަން އެ ކުންފުނިން ރަސްމީކޮށް އަދި އިއުލާނު ކޮށްފައި ނުވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި ޓެބްލެޓަށް ކިޔާނީ ވަންޕްލަސް ޓެބް ކަމަށް ޚަބަރުތައް ވަނީ ފެތުރިފައެވެ.
މި ޓެބްލެޓްގައި 2560X 1600 ޕިކްސެލްގެ ރިޒޮލިއުޝަނަކާއެކު 10.9 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ބެލެވޭ އިރު، މި ޓެބްލެޓްގައި ކުއަލްކޮމް ސްނެޕްޑްރެގަން 870 ޕްރޮސެސަރެއް ހުންނާނެއެވެ. މީގެ އިތުރުން ފަހަތުގައި ދެ ކެމެރާ ހުންނާނެ ކަމަށް އަޑުފެތުރިފައިވާއިރު، އޭގެ ތެރޭގައި 13 މެގަޕިކްސެލްގެ މެއިން ސެންސަރަކާއި ދެ މެގަޕިކްސެލްގެ ޑެޕްތް ސެންސަރެއް ވެސް ހިމެނޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އަށް ޖީބީ ރޭމް އާއި 128 ޖީބީގެ އިންޓާނަލް ސްޓޯރޭޖްގެ އިތުރުން 7،500 އެމްއޭއެޗްގެ ބެޓެރީއެއް ހިމެނޭނެއެވެ.
ވަންޕްލަސް ޓެބް ވެސް އަންނާނީ އެންޑްރޮއިޑްގެ މައްޗަށް ބިނާކޮށް އެ ކުންފުނީގެ އޮކްސިޖަންއޯއެސް އޮޕަރޭޓިން ސިސްޓަމާއެކު ކަމަށް ރިޕޯޓްތައް ބުނާއިރު، މި ޓެބްލެޓަކީ 5ޖީ ކަނެކްޓިވިޓީއަށް ވެސް ސަޕޯޓް ލިބޭ އަދި ސްޓައިލަސްއަކާ އެކު ނެރެން ހަމަޖެހިފައިވާ ޓެބްލެޓެކެވެ.
ވަންޕްލަސްއިން ދަނީ އެ ކުންފުނީގެ އުފެއްދުންތައް އިތުރުކޮށް، ވަންޕްލަސް ޓީވީ، ވަންޕްލަސް ބަޑްސް އަދި ވަންޕްލަސް ބޭންޑް ފަދަ އާ ޕްރޮޑަކްޓްތަކެއް ތައާރަފް ކުރަމުންނެވެ. އަދި މާޗް މަހުގެ ފަހުކޮޅު އެ ކުންފުނިން އާ ސްމާޓްފޯނެއް ކަމަށްވާ ވަންޕްލަސް 9 ވެސް ނެރޭނެ ކަމަށް ބެލެވެއެވެ.
ވަންޕްލަސް ޓެބް ނެރޭނެކަން އެ ކުންފުނިން އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް އެ ވާހަކަތަކަކީ ހަގީގަތަކަށް ވެއްޖެނަމަ އެއީ އެ ކުންފުނީގެ ކަސްޓަމަރުން އެކަމަށް މަރުހަބާ ކިޔާނެ ކަމެއް ކަމަށާއި ޓެބްލެޓް މާކެޓުގައި މިހާރު ތިބި ކުންފުނިތަކާ ވަންޕްލަސްއަށް ވާދަކުރެވޭނެ ކަމަށް ދިރާސާވެރިން ބުނެއެވެ.
ވަންޕްލަސްއަކީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕީޓް ލާއު އާއި ކާލް ޕެއީ އުފެއްދި ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ފުރަތަމަ ޕްރޮޑަކްޓް، ވަންޕްލަސް ވަން 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ނެރުނު އިރު، އަގު ހެޔޮކޮށް މަތީ ފެންވަރުގެ ސްޕެސިފިކޭޝަންތައް ހިމެނުމުން އެ ކުންފުންޏަށް ވަރަށް އަވަހަށް މަޝްހޫރުކަން ލިބުނެވެ. އޭގެ ފަހުން ވަންޕްލަސް އިން ވަނީ ވަންޕްލަސް 2، ވަންޕްލަސް 3، ވަންޕްލަސް 5، ވަންޕްލަސް 6 އަދި ވަންޕްލަސް 7 ފަދަ އާ ޑިވައިސްތަކެއް ނެރެފައެވެ.
ވަންޕްލަސްއިން 2020 ވަނަ އަހަރު ނެރުނު ވަންޕްލަސް 8 އަދި ވަންޕްލަސް 8 ޕްރޯ އަކީ އެ ކުންފުނިން ނެރުނު ފުރަތަމަ 5ޖީ ޑިވައިސްތަކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޚިދުމަތް ފުޅާކޮށް މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި އެ ކުންފުނީގެ ޚިދުމަތް ބޭނުންކުރަމުން އަންނަ އާބާދީ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.