މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ހިންގަމުން އަންނަ ޓީވީއެމްގެ ނިއުސް އެންޑް ކަރަންޓް އެފެއާޒްގައި ޕޮލިޓިކަލް ޑެސްކްގައި މަސައްކަތް ކުރަމުން އައި ނިއުކާސްޓަރުންތަކެއް އެ ކުންފުނީގެ ޕްލޭނިން އެންޑް ޑިވޮލޮޕްމަންޓް ޑިޕާޓްމަންޓަށް ބަދަލުކޮށްފި އެވެ.

ޓީވީއެމްގެ ނިއުސް ރޫމްގައި ނިއުސްކާޓަރެއްގެ ގޮތުގައި މަސައްކަތް ކުރަނިކޮށް ޕްލޭނިން އެންޑް ޑިވޮލޮޕްމަންޓް ޑިޕާޓްމަންޓަށް ބަދަލުކުރި ނިއުސްކާސްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ނިއުސް ރޫމްގައި މަސައްކަތް ކުރަމުން ދަނިކޮށް ޕްލޭނިން ޑިޕާޓްމަންޓަށް ބަދަލުކުރީ ވަޒީފާ އަދާކުރަމުން ދިޔަ ޑިޕާޓްމަންޓް ބަދަލުވެއްޖެ ކަމަށް ބުނެ މެނޭޖްމަންޓުން ސިޓީއަކުން އެނގުމަށް ފަހު ކަމަށެވެ.

އޭނާ ބުނީ އެ ޑިޕާޓްމަންޓަށް ބަދަލު ކުރި ނިއުސްކާސްޓަރުން ކުރަން ޖެހޭ މަސައްކަތަކީ އެމްބީސީގެ ދަށުން ހިންގަމުން އަންނަ ތަންތަނުގެ އިމާރާތްކުރުމާ ގުޅުން ހުރި މަސައްކަތްތައް ބެލުން ކަމަށެވެ.

އަދި ބުނީ ކުރިން ނިއުސް ކާސްޓަރަކަށް ހުރި އިރު، އާއްމުކޮށް މަހަކު 11،000ރ. އާއި 12،000ރ. އާ ދޭތެރޭގެ އަދަދަކަށް މުސާރަ އާއި އިނާޔަތް ލިބުނު ނަމަވެސް މިހާރު އިތުރު ގަޑިއާއި އެލަވަންސްތައް ކަނޑާލާފައި ވާތީ މުސާރަ އިން 5،000ރ. މަދުވެފައިވާ ކަމަށެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ނިއުސް ރޫމުން ޕްލޭނިންގް ޑިޕާޓްމަންޓަށް ބަދަލުކުރީ ނިއުސް ކާސްޓާ ގްރޭޑް1ގެ މާގާމުގައި ހުރި އަހުމަދު ހައިދަރާއި ސީނިއާ އިންޕުޓް އެޑިޓާ އަހުމަދު މުހުސިނާއި ނިއުސް ކާސްޓާ ގްރޭޑް 1 ރިލުވާން ޖަމާލާއި ނިއުސް ކާސްޓާ ގްރޭޑް 1 މުހައްމަދު ގާސިމް އަދި ނިއު މީޑިއާ އެޑިޓަރު ތޮއްޔިބު ޝަހީމެވެ. ނިއުސް ރޫމްގެ ހެޑެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު އަބްދުﷲ މިހާރު ހުރީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑަކަށެވެ.

މީގެއިތުރުން ކުރިން ޕްރޮގްރާމް ޑިޕާޓްމެންޓްގެ ޑިރެކްޓަރުގެ މަގާމެއްގައި ހުންނެވި އިބްރާހިމް އިގްބާލް ވެސް ޕްލޭނިން ޑިޕާޓްމަންޓަށް ވަނީ ބަދަލުކޮށްފަ އެވެ.

ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ޕްރޮފެޝަނަލްކޮށް ޒިންމާދާރު ކަމާއެކު މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު އެހެން ދާއިރާއަކަށް ނުވަތަ އެހެން ޑިޕާޓްމަންޓަކަށް ބަދަލު ކުރުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމާށެވެ. ނަމަވެސް ޒިންމާދާރުކަން ކުޑަގޮތަކަށް މަސައްކަތް ކުރި މުވައްޒަފުންތަކެއް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަކަށް ބަދަލު ކުރުމަކީ ތަނުގެ ކުރިއެރުމަށް ބަލާފައި އެމްބީސީގެ މެނޭޖްމަންޓަށް ލިބިފައިވާ އިހުތިޔާރެއް ކަމަށެވެ.

އާސިފް ވިދާޅުވީ ބައެއް ޑިޕާޓްމަންޓްތަކުން މުވައްޒަފުން ވަރަށް ފަހުން އެގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަދަލުކުރި ސީދާ ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

"މެނޭޖްމަންޓަށް އޮންނާނެ ތަނަށް ފައިދާ ހުރި ގޮތަކަށް ތަނުގެ ސްޓާފުން އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ބަދަލު ކުރުމުގެ އިހްތިޔާރު، ނަމަވެސް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު އެހެން ތަނަކަށް ބަދަލުކޮށްފިއްޔާ ވަރަށް ދެރަވާނެ. އެހެން ނަމަވެސް އެޕްރޮފެޝަންގެ ނާޖާއިޒު ބޭނުންކޮށް އެ ޕްރޮފެޝަނަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ މުވައްޒަފަކު ހުރި ނަމަ އެމީހަކު ބަދަލު ކުރާނެ،" މޮންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްލޭނިން ޑިޕާޓްމަންޓުން މައިގަނޑު ގޮތެއްގައި ކުރަމުން ގެންދާނެ މަސައްކަތްތަކަކީ އެމްބީސީގެ ދަށުން ހިންގަމުން އަންނަ ޓީވީއާ ރޭޑިއޯގެ ތަރައްގީއަށާއި ތަނުގެ ޑިވޮލޮޕްމަންޓްތަކަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތް ކަމަށެވެ. އެޑިޕާޓްމަންޓްގައި ކޮންސްޓްރަކްޝަނާ ގުޅުން ހުރި މަސައްކަތް ވެސް މުވައްޒަފުން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ތަނުގެ އިމާރާތެއް ކުރަން ވިޔަސް، ޓެކްނިކަލް މަސައްކަތެއް ވިޔަސް، ދިރާސާކޮށް މެނޭޖްމަންޓަށް ހުށަހެޅުމަކީ އެޑިޕާޓްމަންޓްގެ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.