25 Jan 2023, 20:31
ދިރާގުޓީވީ ކަސްޓަމަރުންނަށް ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެސްއެސްނެޓްގެ ޚިދުމަތަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުޓީވީގެ ޚިދުމަތް ހުއްޓާލަން އެ ކުންފުނިން ނިންމުމާ ގުޅިގެން އެ ކުންފުނިން ވަނީ ދިރާގުޓީވީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެސްއެސްނެޓަށް ރަޖިސްޓާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން https://register.ssnet.mv/ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެއެވެ.
ރަޖިސްޓާ ކުރުމަށް:
1. ދިރާގުޓީވީ ކަސްޓަމަރުންނަށް އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ރަޖިސްޓްރޭޝަން ލިންކަށް ފިއްތާލާ. މި ލިންކުގައި ކަސްޓަމަރުގެ ދިރާގުޓީވީ ނަމްބަރާއި އެކައުންޓާއި ގުޅުންހުރި އައިޑީކާޑު/ޕާސްޕޯޓް/ވޯކް ޕާމިޓް ނަންބަރު ހިމެނޭނެ.
2. ކަސްޓަމަރުގެ ނަމާއި މޯބައިލް ނަމްބަރާއި އީމެއިލް އެޑްރެސް ޖަހާލާ
3. އައިޑީކާޑު/ޕާސްޕޯޓް/ވޯކް ޕާމިޓްގެ ކޮޕީއެއް އަޕްލޯޑްކޮށްލާ
މި ފޯމް ފުރުމުން އެސްއެސްނެޓުން އެޕްލިކޭޝަން ބަލައިގަންނާނެއެވެ. އަދި އިތުރު މައުލޫމާތު އެ ކުންފުނިން ކަސްޓަމަރުންނާ ހިއްސާކުރާނެއެވެ.
ހަތް އަހަރުގެ ޚިދުމަތަށް ފަހު އަންނަ އާދިއްތަ ދުވަހުން ފެށިގެން ދިރާގުޓީވީގެ ޚިދުމަތް ހުއްޓާލާނެއެވެ.
މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ އެސްއެސް ނެޓްގެ ކޭބަލް ޓީވީ ޚިދުމަތް މި މަހުގެ 30ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.
އެސްއެސް ނެޓްގެ ޚިދުމަތް ފަށާއިރު، އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ދިރާގު ޓީވީގެ މިހާރުގެ ކަސްޓަމަރުން ފަސޭހަކަމާއެކު އެސްއެސް ނެޓަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
ދިރާގު ޓީވީގެ މިހާރުގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ދިރާގު ޓީވީގެ ޖޯއި ބޮކްސް މެދުވެރިކޮށް އެސްއެސް ނެޓްގެ ޚިދުމަތް މި މަހުގެ 30ވަނަ ދުވަހުން ފެށިގެން ލިބޭނެއެވެ.
އެސްއެސްނެޓްގެ ޚިދުމަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެސްއެސްނެޓްގެ ކޯލް ސެންޓަރު ނަންބަރު 1633 އަށް ގުޅުމުން ލިބޭނެއެވެ.
ދިރާގުޓީވީ އާއި ދިރާގުޕްލޭއާ ގުޅޭ އެންމެފަހުގެ ނިންމުން އިއުލާނު ކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް ނިންމައިފައިވާ ކަމަށެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާތަކުން، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ވުމާއެކު ދިރާގު ދެމިއޮންނާނީ އެ މަސައްކަތުގެ ޕާޓްނަރެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.