25 Jan 2023, 21:07
ރިޝްވަތު ނަގައި އޭގެ ބޭނުންހިފަން ހިތްވަރުދޭ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.
އައްޑޫ ސިޓީ މަރަދޫފޭދޫގައި ރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވާދަވެރީން ރިޝްވަތުގެ ފައިސާ ބަހަމުންދާ ކަމަށެވެ. އަދި އެގޮތަށް ބަހާ ފައިސާ އެމަނިކުފާނުގެ ކެމްޕޭނަށް ޚަރަދުކުރަން ބަހައްޓައިދިނުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ.
"އެހެންވީމާ ތި ބޭފުޅުން މި ފައިސާ ނަންގަވައި. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ގާތުގައި އަޅުގަނޑު މި ވާހަކަ ދަންނަވަން ބޭނުން. އަދި ޚާއްސަކޮށް މި ވަގުތު އެމްޑީޕީގައި ތިބި މެމްބަރުންގެ ގާތުގައި،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މެމްބަރުން ކަޅު ދަބަސް ހިފައިގެން ފައިސާ ބެހުމުގައި މިހާރު ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
"ކަޅު ދަބަސް ހިފައިގެން. އަޅުގަނޑު ނަންތައް ދަންނަވާކަށް ނެތިން. ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތި ބޭފުޅުންގެ ރަށުގައި ފައިސާ ބަހަން އުޅެނީ ކާކުތޯ. އެކަމަށް ކަންބޮޑުވެލައްވާނެކަމެއް ނެތް. އަވަހަށް ނަންގަވާ. އަދި 10،000 [ރުފިޔާ] ދެއްވަން އުޅެންޏާ، ވިއްސޭ [20،000 ރުފިޔާއޭ] ވިދާޅުވެ އެ ވަރު ވެސް ނަންގަވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
"ނަންގަވައިފައި އޭގެ ދެބައިކުޅަ އެއްބައި ބަހައްޓަވައި ދެއްވާށޭ ސެޕްޓެމްބަރު ނުވައެއްގައި، އިރާދަކުރެއްވިއްޔާ މި އިންތިޚާބުން އަޅުގަނޑުމެން މި ތިބީ މޮޅުވެފައި. އެ ކަމަކާ އަޅުގަނޑުގެ ހިތުގައި ޝައްކެތް ނެތް. އަޅުގަނޑުމެން ދެން މަސައްކަތްކުރާން އޮތީ ސެޕްޓެމްބަރު ނުވައެއްގެ އިންތިޚާބުގައި،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނަށް ލިބުނު ދެ މޮޅަކީ ރިޔާސީ ޕްރައިމަރީގެ ޓިކެޓު ލިބުމާއި އަދި، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޚަރަދު ވެސް ލިބުންކަމަށެވެ.
"ފައިސާވެރި ވާދަވެރިން" ތަކެއްގެ ގޮތުގައި އެމަނިކުފާނާއެކު ދެން ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހު ސިފަކުރައްވަމުން ރައީސް ނަޝީދުވަނީ ރައީސް ޞާލިހަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
"އަޅުގަނޑުގެ ފައިސާވެރި ވާދަވެރިންނަށް ވަރަަށް ބޮޑަށް ޝުކުރު ދަންނަވަން ތި ބޭފުޅުން ތި ކޮށްދެއްވާ މަސައްކަތަށް. އަޅުގަނޑަށް ބޮޑަށް ރަނގަޅީ ގިނަ ފައިސާ ލިބުނިއްޔާ،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނަނީ އަންނަ ހޮނިހިރު ދުވަހެވެ. އިންތިޚާބާ ގާތްވަމުން އަންނަ ވަރަކަށް ނަޝީދާއި ރައީސް ޞާލިހާ ދެމެދު ހޫނު ބަހުގެ ހަމަލަތައް އަންނަނީ ރައްދުކުރައްވަމުންނެވެ.
ނަޝީދު މިފަދަ ތުހުމަތެއް ކުރައްވާފައިވާއިރު، ރައީސް ސޯލިހު މީގެކުރިން ވިދާޅުވެފައި ވަނީ މި ސަރުކާރުން ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށެވެ.