ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލެއިން ދޫކުރާ ގަރާޖު ބިމަށް އެދި 200އަށްވުރެ ގިނަ ފޯމު ހުށަހަޅައިފައިވާކަމަށާއި މިހާރު ކުރަނީ އެ ފޯމުތައް އިވެލުއޭޓުކުރުމުގެ މަސައްކަތް ކަމަަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

އެޗްޑީސީން ނިންމީ، މާލޭގައި މިހާރު ހިންގާ ގަރާޖުތަކުގެ ތެރެއިން 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫގެ ބިން ދޫކުރުމަށެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 1300 އަކަފޫޓުގެ ބިމެކެވެ.

އެ ކަމަށް އެދި ހުޅުވާލި ފަހުން ގިނަ އަދަދެއްގެ ފޯމު ހުށަހަޅައިފައިވާއިރު އެ ފޯމުތައް އިވެލުއޭޓްކުރަން އަދި ދުވަސް ނަގާނެކަމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު "ސަން"އަށް ވިދާޅުވިއެވެ.

"ވީ އެންމެ އަވަހަކަށް މަސައްކަތްކުރަމުން މި އަންނަނީ މި ފޯމުތައް އިވެލުއޭޓްކުރަން. ގާތްގަނޑަކަށް މާޗު މަހުގެ ތެރޭ ބިން ދޫކުރަން ފެށޭނެކަމަށް މި ބެލެވެނީ،" މަޝާރު ވިދާޅުވިއެވެ.

މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެތަކުގައި ހިންގާ ގަރާޖުތަކެވެ.

މި ގަރާޖުތަކުގައި ވެލްޑިން ކުރުން ފަދަ ކަންކަންކޮށް، ތަފާތު ކެމިކަލްތައް ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަން މެދުވެރިވެއެވެ.

މިދިޔަ ނޮވެމްބަރުގެ ތެރޭ ގަރާޖެއްގައި ރޯވެ ހިނގި ހާދިސާގައި 10 ބިދޭސީންގެ ފުރާނަވަނީ ގެއްލިފައެވެ. އެއީ ރާއްޖޭގައި އެ ފަދަ ހާދިސާއަކުން އެންމެ ގިނަ ބަޔަކު މަރުވި ހާދިސާއެވެ.