14 Apr 2012, 13:22
ސ. ފޭދޫ އެހެލާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ، މީހަކު ފިހިއްޖެ އެވެ.
ފުލުހުން ބުނީ ރޭ ފަތިހު ހިނގި އަލިފާނުގެ އެ ހާދިސާގައި ފިހިފައި ވަނީ އެ ދޯނީގެ ވެރި ފަރާތް ކަމަށްވާ އެރަށު ދުނގެތިމާގޭ އަހުމަދު ނަދީމް 28، ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ނަދީމްގެ މޫނާއެކު ހަށިގަނޑު 32 ޕަސެންޓް ފިހިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ނަދީމަށް ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި ނަދީމްގެ ގައިގައި ރޯވެފައިވަނީ އޭނާ ފަތިހު، ފަތިސް ނަމާދަށް ދާން އުޅެނިކޮށް ދޯނީގައި އަލިފާން ރޯވެފައިވާ ޚަބަރު ލިބިގެން ދޯންޏަށް އަރައި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ދޯނީގައި ހުރި ޕެޓްރޯލް ހަމެއް ގޮވައިގެން ކަމަށެވެ.
ފުލުހުން ބުނީ މީގެކުރިން ވެސް އެ ދޯނީގައި އަލިފާން ރޯވެފައިވާ ކަމަށާއި އަދި ދެވަނަ ފަހަރަށް އަލިފާން ރޯވެފައި ހުއްޓައި ފެނިފައިވަނީ މަގުމަތި ޕެޓްރޯލް ކުރަން އުޅުނު ފުލުހުން ތަކަކަށް ކަމަށާއި އެ ދޯނީގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވީ ކީއްވެގެން ކަމެއް އަދި ސާފުނުވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.