14:30


އިންތިގާލީ މަރުހަލާ ނިމޭ ތާރީހު ކަމުގައިވާ، މި މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން، ކަމާ ބެހޭ ގާނޫނުތައް ނެހެދިއްޖެނަމަ، ސިވިލްސާވިސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި ދަށު ކޯޓުތައް، އެ ދުވަހުން ފެށިގެން އުވޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އިންތިގާލީ މަރުހަލާ ނިމޭ މުއްދަތުގެ ކުރިން ކުރަންޖެހޭނެ ކަމަށް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާ ކަންތައްތަކާބެހޭ ގޮތުން، ނަޝީދުގެ އަމިއްލަފުޅު ބްލޮގްގައި ވިދާޅުވެފައި ވަނީ، ކަނޑައެޅިގެން ނަމުން، ޤާނޫނު އަސާސީގައި ބަޔާންވެގެންވަނީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ވާހަކަ ކަމަށާއި، ދެން ހުންނާނީ ޤާނޫނަކުން ކަނޑައަޅާ ދަށު ކޯޓުތައް ކަމަށް ޤާނޫނު އަސާސީ ބުނެފައިވާ ކަމަށެވެ. އަދި ދަށު ކޯޓުތަކުގެ ގޮތުގައި ހުންނާނީ ކޮން ކޯޓުތަކެއްކަން ކަނޑައަޅައިދޭ ޤާނޫނެއް ނެތި، ރާއްޖޭގައި ހުންނާނީ ކޮން ދަށު ކޯޓުތަކެއްކަން ނޭނގޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އެހެންކަމުން، މިމަހު ހަތްވަނަ ދުވަސް އައުމުގެ ކުރިން، ކޯޓުތަކުގެ ޤާނޫނު ފާސްކުރުން ލާޒިމް ކަމަށާއި، އެހެންނޫންނަމަ، ސުޕްރީމް ކޯޓާއި ހައިކޯޓު ފިޔަވައި، ދެން ހުރި ދަށު ކޯޓުތައް، ކަޓްއޯފް ޑޭޓްގެ ފަހުން އުވިދިޔުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ޤާނޫނެއް ފާސްކޮށްގެން ނުވަތަ ޤާނޫނުން ބާރު ލިބިދޭ ގަވާއިދެއްގެ ދަށުން ނަމަވެސް، ދަށު ކޯޓުތައް އުވުނަނުދީ ހިފަހައްޓަންޖެހޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ދަށު ކޯޓުތަކުގައި ތިބި ފަނޑިޔާރުން މިމަހު ހަތްވަނަ ދުވަހުގެ ކުރިން ދާއިމީކުރި ނަމަވެސް، އެ ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭ ކޯޓުތައް ދުނިޔޭގައި ހުންނާނީ، ކޯޓުތަކުގެ ޤާނޫނު ފާސްވެގެންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، އެ ޤާނޫނުގެ ބިލުވެސް އޮތީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ކަމަށެވެ.


ނަޝީދު އަދި ވިދާޅުވެފައި ވަނީ، މިހާރު ހިނގަމުންދާ ހިޔުމަން ރައިޓްސް ކޮމިޝަނާއި ސިވިލްސާވިސް ކޮމިޝަނަކީ، މި ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ކޮމިޝަންތަކެއް ނޫން ކަމަށާއި، މި ޤާނޫނު އަސާސީން އުފެއްދި ކޮމިޝަންތަކެއް ނޫން ކަމަށެވެ. އަދި މިހާރު އެހިނގާ ދެ ކޮމިޝަނަކީ، މާ ކުރިން، ޤާނޫނަކުން އުފައްދާފައިވާ ކޮމިޝަންތަކެއް ކަމަށާއި، މިމަހު ހަތެއްގެ ކުރިން، އެ ކޮމިޝަންތައް ވެސް މި ޤާނޫނު އަސާސީގެ ދަށުން އުފައްދަންޖެހޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މި މަހު ހަތެއްގައި އެ ކޮމިޝަންތައް ނުއުފެއްދިއްޖެނަމަ، އާ ކޮމިޝަންތަކެއް އުފަންކުރެވެންދެން މިހާރު ހިނގަމުންދާ ދެ ކޮމިޝަން އެދުވަހު އުވޭނެ ކަމަށާއި، ބަދަލުގައި ކޮމިޝަނެއް ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ބުނާގޮތަށް، އެ ކޮމިޝަނަށް ޢައްޔަނުކުރަން ބޭނުންވާ ފަރާތްތަކުގެ ނަންތައް މިހާރު ވަނީ، މަޖިލީހަށް ހުށަހެޅުމުގެ މަގުމަތީގައިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ދާދި ފަހުން ގެނެވުނު އިސްލާހު ބުނާގޮތުން، އެ ކޮމިޝަނަށް ޢައްޔަނުކުރާނެ މީހުން ކަނޑައެޅުމުގެ ހުރިހާ މަރުޙަލާއެއް ހިންގާނީ މަޖިލީހުން ކަމަށް ވުމާއެކު އެ ކޮމިޝަނަށް މީހުން ހޯދުމަށް އިޢުލާނުކޮށްފައިވާ ކަމަށެވެ.


ބެލެނިވެރިކަމުގެ ޤާނޫނުތަކަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވެފައި ވަނީ،ޤާނޫނުއަސާސީ ބުނާގޮތުން ޤާނޫނަކުން ބާރު ލިބިގެން ނޫން ގޮތަކަށް ގަވާއިދެއް ނުހިންގޭނެތީވެ، ޤާނޫނު އަސާސީ ތަޢާރުފުކުރިއިރު ހިނގަމުންދިޔަ ގަވާއިދުތަކުގެ ތެރެއިން، 80 ގަވާއިދަކަށް ވަގުތީ ބެލެނިވެރިކަމެއް ދިނުމަށް ފާސްކޮށްފައިވާ ގާނޫނުގެ މުއްދަތު މި މަހު ހަތަރަކަށް ހަމަވާއިރު، އަދިވެސް އެ ގަވާއިދުތައް ޤާނޫނުތަކުގެ ގޮތުގައި ނުކުމެފައި ނުވާތީ އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ގަވާއިދުތަކަށް އިތުރަށް ބެލެނިވެރިކަން ދިނުމުގެ މަސައްކަތް ހިނގަމުންދާކަން ނަޝީދުފާހަގަކުރައްވައިފައިވެ އެވެ. އަދި އެ މުއްދަތަށް އެކަން ނުނިމިއްޖެނަމަ، އެ ގަވާއިދުތަކަށް ދީފައިވާ ޤާނޫނީ ބެލެނިވެރިކަން ނިމުމަކަށް އައިސް، ދައުލަތުގެ ގިނަ ކަންތައްތަކެއް ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.


ނަޝީދު އަދި ވިދާޅުވެފައި ވަނީ، މިހާރު އައްޔަނުކުރައްވާފައި ތިއްބެވި ގިނަ ސަފީރުންނަކީ މަޖިލީހުގެ ރުހުމާއެކު ޢައްޔަނުކުރައްވާފައިވާ ބޭފުޅުން ކަމަށް ވިޔަސް، ސްރީލަންކާގައި ހުންނަވާ ސަފީރާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަވާ ސަފީރާއި ޗައިނާގައި ހުންނަވާ ސަފީރަކީ، މި ޤާނޫނު އަސާސީއަށްވުރެ ކުރިން ޢައްޔަނުކުރެއްވި ގޮތަށް ތިއްބެވި ބޭފުޅުން ކަމަށެވެ. އެހެންކަމުން، ކަޓްއޯފް ޑޭޓަށްފަހު އެ ބޭފުޅުންނަށް ސަފީރުންގެ ގޮތުގައި ތިއްބެވޭނީ، މި ޤާނޫނު އަސާސީ ބުނާގޮތަށް، އަލުން ޢައްޔަނުކުރެވިގެން ކަމަށާއި، އެހެން ނޫނީ، ހިޔުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަން އުވިދާގޮތަށް އެ ސަފީރުންގެ މަގާމުވެސް އުވިދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.


އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މި ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން މެންބަރުން ޢައްޔަނުކުރުމުގެ މަސައްކަތް ވެސް އަދިއަދަށް ވެސް ވަނީ ފުރިހަމަނުވެ ކަމަށާއި، ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ހިނގި ޚިޔާލު ތަފާތުވުމެއްގައި، އެ ކޮމިޝަނުގެ ފަސްވަނަ މެންބަރު އަދި ވަނީ ޢައްޔަނު ނުކުރެވި ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި އޮޑިޓަރ ޖެނެރަލެއް ވެސް މި ޤާނޫނު އަސާސީގެ ދަށުން އަދި ޢައްޔަންކޮށްފައި ނުވާ ކަމަށާއި، މީގެ ދުވަސްކޮޅެއް ކުރިން މަގާމުން ދުރުކުރެވުނު އޮޑިޓަރ ޖެނެރަލަކީ، މި ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އޮޑިޓަރ ޖެނެރަލެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.