އިއުލާނު ނުކޮށް ސްޓެލްކޯއިން ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށް ބުނި ވާހަކަތައް އެކުންފުނިން ދޮގުކޮށްފިއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ސްޓެލްކޯއިން އިއުލާނުކުރުމަކާ ނުލައި ކ. އަތޮޅުން ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށާއި، ވަޒީފާތަކަށް ނަގާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ، ސަރުކާރަށް ތާއީދުކުރާ މީހުން ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެވާހަކަތައް ދޮގުކޮށް އެކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއުލާނު ނުކޮށް ނުވަތަ ކުންފުނީގެ އެޗްއާރް ޕޮލިސީއާ ޚިލާފަށް އެއްވެސް މީހަކަށް ވަޒީފާ ދީފައި ނުވާނެ ކަމަށެވެ.

ބައެއް މީޑިއާތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އެވަޒީފާތަކަށް ނަގާފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި އެރަށްރަށުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއަށް އަޣުލަބިއްޔަތު ހޯދުމުގެ ބޭނުމުގައެވެ.

އެހެންނަމަވެސް ރައީސް އޮފީހުން ވަނީ މި ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.