ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. މަތިވެރީގައި ސެލްފް ސާވިސް ބޭންކިން އޭޓިއެމްގެ ޚިދުމަތް ފަށައިފިއެވެ.

މިއީ ބީއެމްއެލްގެ ބޭންކިންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށި ޚިދުމަތެއް ކަމަށް ބޭންކުން ބުނެއެވެ.

މަތިވެރީގައި ފެށުނު ޚިދުމަތާއެކު، މަތިވެރިއާއެކު އެ އަތޮޅުގެ ރަސްދޫ، ތޮއްޑޫ އަދި އުކުޅަހުގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްގެ ސެންޓަރުތައް ބޭންކުން ވަނީ ގާއިމްކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާރލް ސްޓުމްކަ ވިދާޅުވީ އަލަށް މަތިވެރީގައި ހުޅުވުނު ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް މަތިވެރި ރައްޔިތުންނަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ ލިބޭ އުފަލެއްކަމަށެވެ.

"މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެންމެ ކައިރީ ބްރާންޗަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެ. އެންމެ ބޮޑު ބޭންކިންގ ވިއުގަ އާއެކު މިހާރު މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ 140 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭކަމަކީ އަޅުގަނޑުމެން ފަހަރުވެރިވާ ކަމެއް." އޭނާ ވިދާޅުވިއެވެ.

މަތިވެރީގައި ހުޅުވުނު އޭޓީއެމްއާ އެކު މުޅި ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗު، 83 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 141 އޭޓީއެމް ބީއެމްއެލް އިން ވަނީ ގާއިމްކޮށްފައެވެ. އަދި އެ ބޭންކުގެ 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުންނާއި އެންމެ ޒަމާނީ އޮންލައިން އަދި މޯބައިލް ބޭންކިންގެ ސަބަބުން އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް އޭގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ބީއެމްއެލް އިން ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްގެ ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެއެވެ.