25 Jan 2023, 12:47
ރަހުނަކާ ނުލައި 1.2 މިލިއަނާއި ހަމައަށް ލޯނާއި ފައިނޭންސިން ދޫކުރަން ބީއެމްއެލް އިން ނިންމައިފިއެވެ.
އެ ބޭންކުން ބުނީ މިއަދުން ފެށިގެން އަމިއްލަ އެކި ބޭނުންތަކަށް ބީއެމްއެލްއިން ނަގަމުންދާ ލޯނުތަކުގެ ތެރެއިން 1.2 މިލިއަން އަށް ވުރެ ދަށް ލޯނުތަކުގައި ރަހުނެއް ބަަހައްޓަން ނުޖެހޭނެ ކަމަށެވެ. އަދި މި ލޯނަށް މީގެ ފަހުން ކިޔާނީ "ބީއެމްއެލް ލުއި ލޯނު" ކަމަށް ބުންޏެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ އެ ބޭންކްގެ އިސްލާމިކް ޕާސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިންގ ދޫކުރާނެ ކަމަށެވެ. އެހެން ކަމުން މި ބަދަލާއެކު، ބޭންކުން ލުއި ލޯނު ދިނުމާއި ޕަރސަނަލް ފައިނޭންސިންގ ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށްވެސް ބަލާނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާރލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްއަށް ގެނެވުނު ބަދަލާއެކު ކަސްޓަމަރުންގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަސޭހަ ކަމާއެކު ފަހި ވެފައިވާ ކަމަށެވެ.
"ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން." އޭނާ ވިދާޅުވިއެވެ.
މި ލޯނުތަކަށް ބީއެމްއެލްގެ އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި މި ލޯނުތަކަށް ހުށަހަޅާތާ ގިނަވަގެން ފަސް ދުވަހުގެ ތެރޭގައި ޢާންމުންނަށް އެ ލޯނު ހަމަޖައްސައިދޭނެއެވެ.