14 Apr 2012, 12:12
ދެވަނަ ފުރުސަތުގެ ދަށުން ކުރީގެ ސަރުކާރުން ދޫކޮށްލާފައިވާ 438 ކުށްވެރިންގެ ތެރެއިން 104 މީހަކު މިހާތަނަށް އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން، ރައީސަށް ގާނޫނީ ގޮތުން ލިބިވަޑައި ނުގަންނަވާ ބާރެއް ގެ ބޭނުންކުރައްވައިގެން ދޫކޮށްލާފައިވާ 438 ކުށްވެރިންގެ ތެރެއިން 218 މީހުން ދެ ވަނަ ފުރުސަތަށް ޝަރުތުހަމަނުވާއިރު މިހާތަނަށް އެކި ކުށްތަކުގައި ޝާމިލްވެގެން ޖަލަށް ގެންގޮސްފައިވާ 52 މީހަކާއި އަނބުރާ ހުކުމަށް ރުޖޫއުކުރުމުގެ މަރުހަލާގައި ތިބި 52 މީހަކު ކަމަށެވެ.
އަބުދުﷲ ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލުމަށް ޝަރުތު ހަމަވާ މީހުން ޖަލުގައި ބައިތިއްބުމަށް ފަހު ޖަލުން ދޫކޮށްލާފައިވާ ގިނަ ކުއްވެރިންނަކީ ސިޔާސީ ވިސްނުމުގައި ދޫކޮށްފައި ތިބި ބައެއްކަމަށް އެނގިފައިވާ ކަމަށާއި ޖަލުން ދޫކޮށްފައިވާ މީހުން ދޫކޮށްފައިވަނީ ސީދާ ރައީސުލްޖުމުހުރިއްޔާ އޮފީހުގެ ބެލުމުގެ ދަށުންކަމަށެވެ. އޭނާ ވިދާޅުވީ ދެވަނަ ފުރުސަތުގެ ކުށްވެރިން ކުށެއް ނުކުރާހާ ހިނދަކު އެމީހުން ޖަލަށް އަބުރާ ނުގެންދާނެ ކަމަށެވެ. އަދި ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ އެއްވެސް ކުށްވެރިއަކު ކުށުގެ ވެށިން ނުފެންނަ ކަމުގައިވަނީނަމަ ޖަލަކަށް ނުގެންދާނެ ކަމަށާއި ހާއްސަކޮށް ކުށެއް ނުކުރާހާ ހިނދަކު އެމީހުންނާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.
"ދެވަނަ ފުރުސަތުގެ ލިސްޓް ހެދިގެން އައިސްފައިވަނީ ރައީސުލް ޖުމުހުރިއްޔާގެ އޮފީހުން ޕެރޯލް ބޯޑުން ދޫކޮށްލަން ޖެހޭ ކުށްވެރިންގެ ލިސްޓް ހަދާފައިވީނަމަވެސ އެމީހުންނަށް މަޑުކޮށްލަން އަންގާފައި އޮތީ . ހަގީގަތުގައި ދެވަނަ ފުރުސަތުގައި ދޫކޮށްލަން ހައްގުވާ މީހުން ތިބީ އަދިވެސް ޖަލުގައި،" ސްޓޭޓް މިނިސްޓާރ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ މީހުން މޮނިޓާރކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެމީހުންނަށް އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
"ވަރަށް ރަނގަޅުކަންތައްތަކެއް ދެވަނަ ފުރުސަތު ގެ މީހުންނަށް މަސައްކަތް ދަސްކޮށްދެން ކުރީގެ ސަރުކާރުންވެސް ފައްޓަވަން ނިންމާފައިހުރި. ނަމަވެސް އެކަންކަން އަދި ކޮށްފައެއް ނެތް،" އަބުދުﷲ ވިދާޅުވިއެވެ.
އަބުދުﷲ ވިދަޅުވީ ދެވަނަ ފުރުސަތުގެ ދަށުން މަދަނީ ކުށްކޮށްފައިވާ ފަރާތްތަކަށްވެސް ކުށައްވެސް މައާފް ދީފައިވާކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.