25 Jan 2023, 10:46
މިދިޔަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހު، ވާވެއްދިފަރަށް ޓަގަކާއި ބާޖެއް އެރުމާ ގުޅިގެން، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެ އުޅަނދުގެ ވެރިފަރާތް، ދި މިޑްލް އީސްޓް މެރިން އެލްއެލްސީ 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން ބުނީ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށް އެކަން އެންގީ މިދިޔަ އާދީއްތަ ދުވަހުކަމަށެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އަންގައިފައިވާކަމަށް ވެސް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ބުނީ، އެ އުޅަނދުތައް ފުންކުރުމާއެކު އެ ސަރަހައްދަަށް ލިބުނު ގެއްލުން އެ އުޅަނދުގެ ވެރިފަރާތުން ސާވޭކުރި އިރު، އެކަން އީޕީއޭއިން އޮބްޒާވްކުރި ކަމަށެވެ.
އެ ސާވޭއިން އެނގުނު ގޮތުގައި އެ ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަަށް ބޮޑެތި ގެެއްލުންތަކެއް ލިބިފައިވާކަމަށް ވެސް އީޕީއޭއިން ބުނެއެވެ. އަދި އެ ގެއްލުން ވަޒަން ކުރުމުން އޭގެ ބަދަލުގެ ގޮތުގައި 148.3 މިލިއަން ރުފިޔާ ނަގަން ނިންމި ނަމަވެސް އެ އަދަދު ކުޑަކުރަން ޖެހުނީ ގާނޫނުގައި ނެގެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާކަމަށް ވުމުންކަމަށް ވެސް އީޕީއޭއިން ބުންޏެވެ.
މީގެ ކުރިން 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޖޫރިމަނާއެއް ދެއްކީ ރަސްފަރީ ފަރަށް އެރި ބަލްކް ކެރިއާ ބޯޓެކެވެ. އެފަހަރު ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) ވަނީ ދައްކައިފައެވެ.