ވޯޓުލަމުން ދަނިކޮށް ތ. ގުރައިދޫ ރަށު ކައުންސިލްގެ އިދާރާގެ ބިއްލޫރިތައް ތަޅާލައި އެއިމާރާތަށް ބަޔަކު ގެއްލުންދީފި އެވެ.

ފުލުހުން ބުނީ ބަޔަކު މިއަދު ގުރައިދޫ ރަށު ކައުންސިލްގެ އިދާރާގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށާއި އެކަމާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ގުރައިދޫ ރަށު ކައުންސިލްގެ އިދާރާގެ ބިއްލޫރިތައް ބަޔަކު ވަނީ ތަޅާލާފައި، އެކަމާ ގުޅިގެން ފަސް މީހުން ހައްޔަރަަކޮށްފައި ވަނީ. އެ މައްސަލަ މިދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން ކުރިއަށް ދަނިކޮށް މިއަދު ގުރައިދޫ ރަށު ކައުންސިލްގެ އިދާރާއަށް ބަޔަކު ގެއްލުންދީފައިވީ ނަމަވެސް އެކަމުގެ އެއްވެސް އަސަރެއް ވޯޓްލުމަށް ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ ވޯޓްލާ މަރުކަޒެއްގައި ނޫން ކަމަށް ވާތީ އެކަމުގެ އަސަރެއް ވޯޓްލުމަށް ނުކުރާނެ ކަމަށެވެ.

"ހަމަނުޖެހުން ހިނގާފައި މިވަނީ ރަށު ކައުންސިލްގެ އިދާރާގެ ކައިރީގައި، ވޯޓްލާ މަރުކަޒެއްގެ ކައިރިއަކު ނޫން، އެހެންވީމާ އެކަމުގެ އެއްވެސް އަސަރެއް ވޯޓަކަށް ނުކުރާނެ،" ތޮލާލު ވިދާޅުވި އެވެ.

ގުރައިދޫގައި މިއަދު ހިނގި ހަމަނުޖެހުމާ ބެހޭ ގޮތުން އެ ރަށު ކައުންސިލްގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.