25 Jan 2023, 12:40
ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގައި އޭނާގެ ސިކުނޑި އިންޒާރުދޭން ފެށުމުން ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އޭނާގެ ނަފްސަށް ވެރިވިއެވެ.
ކާރު ސްޓާޓްކޮށްލުމަށްފަހު، ކާރުގައި މާކިން ގޭޓުން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، މިޝްޔާ އެތެރެއަށް ވަނެވެ. އޭނާ ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެލާ ނިދަން މަސައްކަތް ކުރި ނަމަަވެސް، ނިދި ވަނީ އެތައް ހާސް މޭލެއް ދުރުގައެވެ. ވިސްނުންތަކާ، ނުތަނަވަސްކަމާ، ވެރިވަމުން ދިޔަ ޚިޔާލުތައް އޭނާގެ ނަފްސަށް އުނދަގޫ ކުރަމުން ދިޔައެވެ.
*****
މާކިން ކާރު ދުއްވަމުން ދިޔައީ އެހެންޏާ ދުއްވާ ވަރަށް ވުރެ ބާރު ސްޕީޑުގައެވެ. ވަގުތުގެ ގޮތުން ކަންނޭނގެއެވެ. މަގުމަތިން ދުއްވާ އެއްޗެއްގެ ހިލަންވަނީ ހާލަކުން ފަހަރަކުއެވެ. އޭނާ އިރުއިރުކޮޅަކާ ގަޑިއަށް ބަަލައިލައެވެ. ހޮސްޕިޓަލާ ހިސާބަށް އާދެވުމުން ކާރު ޕާކުކޮށްލުމަށްފަހު، އޭނާ ދުވެފައި ކަހަލަ ގޮތަކަށް ފޮސް ހޮސްޕިޓަލަށް ވަދެފައި ނާޒިލްއަށް ގުޅާ ނާޒިލް މެން ތިބިތަނެއް އޮޅުން ފިލުވިއެވެ. ނާޒިލް މެން ތިބީ ތިއޭޓަރގެ ވެއިޓިން ރޫމުގައި ކަމަށްވުމާއެކު، އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ. އެތެރެއަށް ވަތްއިރު، ނާޒިލްއާއި ހާފިޒުއާ ދެމީހުން ގޮނޑިބަރީގައި އިށީނދެލއިގެން ތިއްބެވެ.
"ނާޒިލް!" މާކިން ނާޒިލްއަށް ގޮވައިލިއެވެ.
"ހައި މާކް!" ނާޒިލް އިސް އުފުލައިލިއެވެ. މާކިންއަށް ވަރަށް ފުން ނަޒަރަކުން ނާޒިލްއާއި ހާފިޒުއަށް ބަލައިިލެވުނެވެ. އެ ދެމީހުންވެސް ތިބީ ލެއިން ތަތްތެޅިފައެވެ.
"އޭރު އައި ގޮތަށްތަ ތިތިބީ؟" މާކިންއަށް އަހައިލެވުނެވެ. ނާޒިލް ބޯ ޖަހައިލިއެވެ. މާކިން ހާފިޒުއަށް ބަލައިލުމަށްފަހު، ހުރިހާކަމެއް ވެސް ރަނގަޅުވާނެކަމުގައި ބުނެލިއެވެ. އެހާ ހާސްނުވުމަށް ބުނެލިއެވެ. އޭނާއާ ހާފިޒުއާ ދިމާވެފައިވަނީ ފުދޭވަރަކަށް މަދުންނަމަވެސް، ހާފިޒުއަކީ ހިތްހެޔޮ މީހެއްކަން އޭނާއަށް އެނގެއެވެ.
"ދެން ތިހެންތަ ހުންނަނީ؟" ނާޒިލްގެ ތެދުވުމުން ނާޒިލްގެ ކޮނޑުގައި ޖަހައިލުމަށްފަހު، މާކިން ސުވާލުކޮށްލިއެވެ.
"ތިބުނީ؟"
"މިބުނީ ގަމީހުގައި ހުސް ލެއެއްނުން ހޭ!" މާކިން ބުނެލިއެވެ.
"މަންމަގެ ސާޖަރީ ނުނިމެނީސް މިތަނުން ދާކަށް ބޭނުމެއް ނޫން! ޑޭޑް ވެސް ވަރަށް ހާސްވެފަ ހުރީ!" ނާޒިލްގެ އަޑުން އޭނާއަށް ކެތްތެރިކަން ކުޑަވެފައި ހުރި އަސަރުތައް ހަމަ ރަނގަޅަށްވެސް ފާހަގަވިއެވެ. އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެއެވެ. އެކަމާ ގުޅުވައިގެން އިތުރު އެއްޗެއް ބުނުމެއް ނެތި، މާކިން ބުނީ ހިތްވަރުކުރުމަށެވެ. ނާޒިލްއާއި މާކިންއާ ދެމީހުން ހާފިޒުއާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
މާކިން ވީ ގޮތާ ބެހޭގޮތުން ސުވާލުކުރުމުން ނާޒިލް ތަފްސީލުކޮށް ވީގޮތް ކިޔައިދިނެވެ.
"އެހެންވީމަ މަންމައަށް ހުރިހާ އެއްޗެއް އެނގުނީދޯ!" މާކިންއަށް ބުނެވުނެވެ.
"މަންމައަށް ކިހިނެއް ކެތްވާނީ އޭނަ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލި ވާހަކަ އެނގުނީމަ!" ނާޒިލްއަށް އޭނާގެ ނިތުގައި އަތް ހިންގައިލެވުނެވެ.
ހައިފާގެ އޮޕަރޭޝަން ނިމުމުން، ޑޮކްޓަރު ނުކުތުމަށްފަހު، ނާޒިލްއަށާއި ހާފިޒުއާ ދެމީހުންނަށް ވެސް ހައިފާގެ ޙާލަތު ކިޔައިދިނެވެ. އެގޮތުން ހައިފާ އޮތީ ވަރަށް ނާޒުކު ޙާލަތެއްގައިކަމުގަޔާއި، ހައިފާގެ ބޮޑު ދެ އޮޕަރޭޝަނެއް ކުރެވިފައިވާ ކަމުގައި ބުންޏެވެ. ކުރިއަށް އޮތް ސައްވީސް ގަޑިއިރަކީ ވަރަށް ނާޒުކު ވަގުތެއްކަމުގަޔާއި ވާގޮތެއް ބުނަން އެނގޭނީ އޭގެ ފަހުގައި ކަމަށް ބުނެލިއެވެ. އަދި މިވަގުތު ހައިފާ އޮތީ ވެންޓިލޭޝަންގައި ކަމުގަޔާއި ހައިފާގެ ޙާލަތު ކައިރިން ދިރާސާ ކުރުމަށް އައި.ސީ.ޔޫއަށް ޝިފްޓް ކުރާނެކަމުގައި ބުނެލުމަށްފަހު، ޑޮކްޓަރު އެތެރެއަށް ވަނުމާއެކު، ހާފިޒުއަށް ފާރުގައި އަތް ޖައްސައިލެވުނެވެ. ނާޒިލް ހާފިޒުއަށް ހިތްވަރު ދިނެވެ. ހައިފާ އައި.ސީ.ޔޫއަށް ޝިފްޓް ކުރެވުނީ ހެނދުނު ހައެއް ވެސް ޖަހާ ބޮޑުވީފަހުންނެވެ. އޭރު އޭނާގެ ބޮލުގައި ވަނީ ބެންޑޭޖް ގަނޑެއް އަޅާފައެވެ. އޭގެ އިތުރުން އަތުގައިވެސް ވަނީ ޕްލާސްޓަރ އަޅާފައެވެ.
"ބައްޕާ! ގެއަަށް ގޮސް ފެންވަރާލައިގެން އަންނަންވީނު. އައިމަ އަޅުގަނޑު ދާނަން..." ނާޒިލް ބުނެލިއެވެ.
"ނޫނޭ ދަރިފުޅާ! ދަރިފުޅު ގޮސްލާ. ބައްޕަ މަޑުކޮށްލާނަން..." ހާފިޒު ފޮނުވައިލުން ނާޒިލްއަށް ވީ އުނދަގޫކަމަކަށެވެ. އެހެންނަމަވެސް މާކިންއާ ދެމީހުން ވާހަކަ ދެއްކުމުން ހާފިޒު އެކަމާ އެއްބަސްވިއެވެ.
"ކަމެއް ވާނަމަ ގުޅައްޗޭ!" ހާފިޒު އެހެން ބުނެލުމަށްފަހު ،ދިޔުމުން، ނާޒިލް ގޮނޑީގައި އިށީނދެލިއެވެ. މާކިންވެސް ނާޒިލްގެ އެއްފަރާތުގައި އިށީނދެލާ ނާޒިލްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.
"މިޝޫ ކިހިނެއްތަ؟" ނާޒިލް މާކިންއަށް ބަލައިލުމަށްފަހު، ސުވާލުކޮށްލިއެވެ. ހަޤީގަތުގައި ނާޒިލްއަށް ދައްކާނެ ވާހަކައެއް ނޭނގުނީއެވެ. އެހެންނޫނަސް އޭނާ ހުރީ މިޝްޔާގެ ހާލަތެއްވެސް އެނގެން ނުހަނު ބޭނުންވެފައެވެ.
"ޝީ އިޒް އޯކޭއޭ... މިއަދު ފުރަތަމަ ސެޝަން ވެސް ނެގި!" މާކިން ބުނެލިއެވެ.
"އެހެންތަ؟ ބުނިތަ ކިހިނެއްކަން ސެޝަން ދިޔައީ؟" ނާޒިލް ސުވާލުކޮށްލިއެވެ.
"މާ ގިނަ ވާހަކަ އެއް ނުދައްކާ! ބުނި ރަނގަޅޭ!" މާކިން ބުނެލިއެވެ. ނާޒިލް ފުންނޭވާއެއް ދޫކޮށްލިއެވެ.
"އަހަރެން އަބަދުވެސް ބޭނުންވަނީ މިޝްޔާ އުފަލުގައި ހުންނަން. މިޝްޔާގެ އުފާތައް ގުޅިފައިވަނީ އަހަންނާ ވަކިންނަަމަ އެއްވެސް ޝަކުވާއަކާ ނުލާ އަހަރެން މިޝްޔާއާ ދުރަށް ދާނަން. އެންމެ ފަހަރަކު ނަމަވެސް، އެ ހިނިތުންވުން ދެކެން ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެދާނަން. ކިތަންމެ ދެރަވިޔަސް އުމުރު ދުވަހު މިޝްޔާގެ ކުރިމައްޗަށް ނާރާ ވެސް ހުރެދާނަން." ނާޒިލް އެހެން ބުނެލިއިރު އެ އަޑުގައި ހުރި ވޭނާ ކެކުޅުންތައް މާކިންއަށް ރަނގަޅަށްވެސް އަންދާޒާކޮށްލެވުނެވެ.
"އައި އެމް ސޮރީ ނާޒިލް! އަހަންނަށް ނާޒިލްގެ އިޙްސާސްތަކާ މެދު އެންމެ ފުރަތަމަ ވިސްނައެއް ނުލެވުނު. އެކަމަކު މިހާރު މިބުނަނީ މިޝޫ ނާޒިލްއާ އެކު އުޅެން ހުރިއްޔާ އަހަރެންގެ ފުރިހަމަ އެއްބާރުލުން ދޭނަން. ހާޝިމްއަކީ ނައިރާގެ ދޮންބައްޕަ... ނައިރާގެ ކުށެއް އެކަމުގައި ނެތްއިރު، އެއީ ނާޒިލްގެ ބައްޕަކަމަށްވިޔަސް، ނާޒިލްގެ ކުށެއް ވެސް އެކަމުގައި ނެތޭ. އެއީ މިޝްޔާއާ ނާޒިލްއާ ދެމީހުން ދުރުވާންޖެހޭ ސަބަބެއް ނޫންކަން އަހަންނަށް ވެސް ވިސްނޭ މިހާރު. އެކަމަކު އަހަންނަށް މިޝޫއަކަށް މަޖުބޫރެއް ނުކުރެވޭނެ ނާޒިލްއާ އެކީ އުޅޭކަށް. އެކަމަކު ނާޒިލް! ބިލީވް މީ... އަދި މިޝޫއަށް ވިސްނޭނެ. އަހަންނަށް އެނގޭ، މިޝޫ އަދި ނާޒިލް ކައިރިއަށް އަންނާނެކަން. އޭނަ ވަރަށް ލޯބިވޭ ނާޒިލް ދެކެ! އޭނައަށް ހުރިހާކަމެއް ވިސްނަން ވަގުތުކޮޅެއް ނަގާފާނެ! އެކަަމަކު އެންމެ ފަހުވަގުތު އޭނާ ހުންނާނީ ނާޒިލްގެ ކައިރީގައި... މީ އަހަރެންގެ ހިތް ބުނާ އެއްޗެއް." މާކިން ޔަޤީންކަމާއެކު ބުނެލުމުން ނާޒިލްއަށް މާކިންއާ ދިމާލަށް ބަލައިލެވުނީ އުންމީދީ އެހެންނަމަވެސް ހައިރާންކަން އެކުލެވިގެންވާ ބެލުމަކުންނެވެ. މާކިން އެ ބުނި އެއްޗެއް ގަބޫލުނުކުރެވޭފަދަ އަސަރުތަކެއް އެ މޫނުމަތީގައި ވެއެވެ.
"މިޝްޔާ އަންނާނެތަ؟" ނާޒިލްއަށް އެ ސުވާލުކޮށްލެވުނީ އަމިއްލަ ނަފްސާށެވެ.
"އޭނަ ވަރަށް ލޯބިވެޔޭ ނާޒިލް ދެކެ! އަހަންނަށް ޔަޤީން ނާޒިލް ވެސް މިޝޫ ދެކެ އެހާ ލޯބިވާކަމާއި، ދުވަހަކުވެސް މިޝޫއަށް ދެރައެއް ނާޒިލް ނުދޭނެކަން. ތިއަށްވުރެ ރަނގަޅު މީހެއް އަހަންނަކަށް ހިޔެއް ނުވޭ މިޝޫއަށް ލިބޭނެހެންނެއް." މާކިންގެ ވާހަކައިން ނާޒިލްގެ ހިތަށް ކޮންމެވެސް ކަހަލަ ތަސައްލީއެއް ލިބިގެން ދިޔައެވެ. ފާރުވެ ޒަހަމްވެފައިވާ އެ ހިތުގައި މީހަކު ގަނޑުފެން އަޅައިލަދިންފަދައެވެ. މެއަށް ފިނިވިއެވެ. މާކިންގެ އެ ވާހަކައިން އުންމީދުގެ އަލިކަމެއް އޭނާއަށް ލިބިގެންދިޔައެވެ.
ދެމީހުން އެތަނުގައި ތިއްބާ ހާފިޒު އައިސް ވަތްއިރު، އޭނާގެ އަތުގައި ކޮތަޅެއް އޮތެވެ.
"ކޯންޗެއް ހިފައިގެން ބައްޕަ ތިއައީ؟" ނާޒިލް އެ ކޮތަޅަށް ބަލައިލުމަށްފަހު، ސުވާލުކޮށްލިއެވެ.
"މީ ދަރިފުޅުގެ ހެދުން. ހިތަށްެ އެރީ އެއްޗެހި ގެނައިމަ ހޮސްޕިޓަލުންވެސް ފެންވެރިދާނެއެއް ނޫންހޭ. އެހެންވެ ހިފައިގެން މިއައީ..." ހާފިޒު ނާޒިލްގެ ހެދުމާ އެއްޗެހި ހިފައިގެން އައީ ނާޒިލް ގެއަށް ނުދާނެކަން އޭނާއަށް އެނގޭތީއެވެ. އެކޮތަޅުގައި ހިފަމުން ނާޒިލް ޝުކުރުއަދާކުރިއެވެ.
*****
ހެނދުނުގެ ނާސްތާގެ ވަގުތުގައި މޭޒުދޮށަށް ނިކުތީ ނައިރާގެ އިތުރުން މިޝްޔާއާ ރިފްއަތެވެ. މާކިން ނުފެނުމުން ރިފްއަތު އެ ސުވާލު ނައިރާއާ ކޮށްލުމާއެކު، ނައިރާ މާކިން ވީ ހޮސްޕިޓަލުގައި ކަމުގައި ބުނެލުމަށްފަހު، ކިއްވެކަންވެސް ރިފްއަތަށް އޮޅުން ފިލުވައިދިނެވެ. މާކިން އެހާ އަވަސް އަރުވާލާފައި ދިޔަ ސަބަބު އެނގުމާއެކު، މިޝްޔާ ނާޒިލްގެ ޙާލެއް ވެސް އެނގެން ބޭނުންވިއެވެ. އޭނާ ނާޒިލްއާ މެދު ކަންބޮޑުވިއެވެ. ނައިރާގެ ގާތުން ނާޒިލްގެ ޙަބަރެއް އޮޅުން ފިލުވަން މިޝްޔާ ކިތަންމެ ބޭނުންވިނަމަވެސް، އޭނާގެ ދުލުގައިވަނީ ތަޅެއް ލެވިފައެވެ.
މިޝްޔާއަށް ބަލައިލި ނައިރާއަށް މިޝްޔާގެ ހިތުގެ ޙާލު ވަޒަން ކުރެވުމާއެކު، އޭނާ ނާޒިލްއާއި ނާޒިލްގެ ބައްޕަގެ ޙާލުވެސް ރަނގަޅުކަމުގައި ބުނެލިއެވެ. ނައިރާގެ ވާހަކަތަކުން މިޝްޔާއަށް ކުޑަކުޑަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، ނާޒިލްއަށް ވާނެ ގޮތް އޭނާއަށް އަންދާޒާކޮށްލެވެއެވެ. ނާޒިލްގެ ގާތުގައި ހުންނަން ކިތަންމެ ބޭނުންވިނަމަވެސް، އެއީ ވާނެކަމެއް ނޫންކަމުގައި މިޝްޔާ އޭނާގެ ހިތަށް ވިސްނައިދިނެވެ.
މިޝްޔާ ކައިގެން މައްޗަށް އަރާ ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލިއެވެ. ފޯނު ނަގާ ނާޒިލްގެ ނަންބަރު ހޯދައިލުމަށްފަހު، އޭނާ އެ ނަންބަރަށް ބަލަހައްޓައިގެން އިނދެފައި ޑައިލްކޮށްލިއެވެ. ހިތުގެ ތެޅުން އިންތިހާ ބާރުވުމާއެކު ދެވަނަ ސިކުންތުގައި މިޝްޔާ ފޯނު ކަނޑައިލިއެވެ. އެއަށްފަހު، ދެފަރާތަށް ބޯ ހޫރައިލިއެވެ. ނާޒިލްއަށް ގުޅާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެހެން އިނދެފައި ދެން ހުޅުވީ މެސެންޖާއެވެ. ނާޒިލްއަށް މެސެޖްކުރަން ތިން ހަތަރު ފަހަރު މެސެޖެއް ލިޔެފައިވެސް ފޮނުވާނެހާ ހިތްވަރު ނުލިބި މިޝްޔާ މެސެޖް ފުހެލިއެވެ. އޭނާ އެނދުމަތީގައި އޮށޯވެ މޭމަތީގައި ފޯނު ބާއްވައިލިއެވެ.
ގޭތެރޭގެ ބައެއް ކަންތައްތައް ކޮށްލާފައި ނައިރާ ހޮސްޕިޓަލަށް ދިޔައީ މިޝްޔާގެ ކައިރީގައިވެސް އެ ވާހަކަ ބުނެލާފައެވެ. އޭނާ ދިޔައިރު ވެސް މާކިން ނާޒިލްގެ ކައިރީގައި ހުއްޓެވެ. ހާފިޒުވެސް ގޮނޑިއެއްގައި އިނެވެ. އެދުވަހުގެ ގިނަ ވަގުތުތައް މާކިންއާއި ނައިރާއާ ދެމީހުން ހޭދަކުރީ ނާޒިލްގެ ކައިރީގައެވެ. މެންދުރުވީއިރުވެސް، ނާޒިލްއާއި ހާފިޒުއާ ދެމީހުން ކުރެ އެކަކުވެސް ކާ ޙިޔާލެއް ނުކުރިއެވެ. މާކިން ވަރަށް ވާހަކަ ދައްކައިގެން ނާޒިލް އެއްބަސްކުރުވައިގެން ނާޒިލް ގޮވައިގެން ކެންޓީނާ ދިމާލަށް ހިނގައިގަތީ ކައިގެން އަންނަމުން ހާފިޒުއަށް ވެސް އެއްޗެއް ގެންނާނީ ކަމަށް ބުނަމުންނެވެ.
ކެންޓީނަށް ގޮސް ކާއެއްޗެހި ނަގައިގެން މޭޒު ދޮށުގައި ތިން މީހުން އިށީނދެލިއެވެ. ކާން ނުފެށި އުޅެނިކޮށް މާކިންގެ ފޯނަށް މެސެޖެއް އައުމާއެކު އޭނާ ބަލައިލިއެވެ. އެއީ މިޝްޔާގެ މެސެޖެކެވެ. އެ މެސެެޖުގައި އޮތީ ނާޒިލްގެ މަންމަ ކިހިނެއްތޯ އަހާފައެވެ. އަދި ނާޒިލްގެ ޙާލެއް އޮޅުން ފިލުވާފައެވެ. މިޝްޔާގެ މެސެޖުން އޭނާ ކަންބޮޑުވެފައި ހުރި ވަރު މާކިންއަށް ފަހުމްވުމާއެކު، އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިޝްޔާ އަދިވެސް ނާޒިލް އާމެދު ވިސްނާކަން އެމެެސެޖުން އެކަނިވެސް، އޭނާއަށް ދޭހަވިއެވެ. މެސެޖަށް ރިޕްލައިކޮށްލުމަށްފަހު، އޭނާ ފޯނު ޖީބަށް ލިޔެވެ.
ސައްވީސް ގަޑިއިރުގެ ފަހުން ޑޮކްޓަރުން ދިނީ އުފާވެރިކަމުގެ ޙަބަރެކެވެ. ހައިފާ ރަނގަޅުވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިއްޖެކަމުގައެވެ. ހާފިޒުއަށާއި ނާޒިލްއާ ދެމީހުންނަށް ﷲގެ ހަޟްރަތަށް ޙަމްދު ކުރެވުނެވެ. އައި.ސީޔޫގައި ހަފްތާއެއް ހާ ދުވަހު ބާއްވާފައި ހައިފާ ޝިޕްޓް ކުރެވުނީ އެޗް.ޑީ.ޔޫއަށެވެ. އެތަނުގައި ތިން ދުވަހު ބާޢްވާފައި ޕްރައިވެޓް ވޯރޑަކަށް ހައިފާ ބަދަލުކުރެވުނުއިރު، އޭނާގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ކޮންމެވެސް ވަރަކަށް ވާހަކަވެސް ދެއްކެއެވެ.
*****
މާކިން މިޝްޔާ ގޮވައިގެން ސެޝަންއަށް ހޮސްޕިޓަލަށް އައިއިރު މެންދުރު އެކެއް ޖަހަނީއެވެ. އޭނާ މިޝްޔާ ކައިރީގައި ބުނީ އޭނާ އެ ދަނީ ނާޒިލް ކައިރިއަށް ޕްރައިވެޓް ވާރޑަށް ކަމަށާއި ނިމުމުން ގުޅުމަށެވެ. މިޝްޔާ ބޯ ޖަހާލާފައި އެތެރެއަށް ވަދެލިއެވެ. ސެޝަން ނިންމާލުމަށްފަހު، އޭނާ ނުކުމެފައި މާކިންއަށް ގުޅިއިރު މާކިން ފޯނެއް ނުނަގައެވެ. ރިންގްވެފައި ކެނޑެނީއެވެ. ދެތިން ފަހަރު ގުޅުމުންވެސް ލިބުނީ އެއް ޖަވާބެކެވެ. އޭނާ ވިސްނައިލުމަށްފަހު، ޕްރައިވެޓް ވާރޑުތަކާ ދިމާލަށް ހިނގައިގަތެވެ. ލިފްޓުން އެ ވާރޑަށް އެރުމަށްފަހު، އަނެއްކާވެސް މިޝްޔާ މާކިންއަށް ގުޅައިލިއެވެ. އެހެން ހުއްޓާ އެތަނުން ދޮރެއް ހުޅުވާާލާފައި ނުކުތް ނާޒިލް ފެނުމާއެކު އޭނާ ވަގުތުން ޖެހިގެން އިން ގޯޅިތެރެއަށް ވަދެ ނިވާވެލިއެވެ. ބާރަށް ތެޅެން ފެށި ހިތް ހަމައަކަށް އަޅުވާނެ ގޮތެއް ނޭނގި މިޝްޔާއަށް މެއާ ދިމާލުގައި އަތް އަަޅައލެވުނެވެ. އޭނާ ކުޑަކޮށް ބޯ ދިއްކޮށްލާފައި ބަލައިލިއިރު، މާކިންއާއި ނާޒިލްއާ ދެމީހުން ވާހަކަ ދައްކަމުން ދުރަށް ހިނގަމުން ދިޔައެވެ. އެމީހުން އަނެއް ފަރާތަށް ދިޔުމުން އެ ދިޔައީ ކައުންޓަރާ ދިމާލަށްކަން މިޝްޔާއަށް އެނގުނެވެ.
އޭނާ މަޑުމަޑުން ގޮސް ނާޒިލް ނުކުތް ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި މީހެއްފަދައިން ހުރުމަށްފަހު، މިޝްޔާ ދޮރުފަތް ހުޅުވާފާލައި އެތެރެއަށް ވަދެލިއެވެ. އޭރު ވެސް މެޝިންތަކުގެ ބީޕްގެ އަޑު އެ ކޮޓަރި ތެރެއިން އިވެމުން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓުނީ އެނދުގައި އޮތް ހައިފާއަށެވެ. ހައިފާ އޮތީ ލޯ ހުޅުވާލައިގެން އޭނައާ ދިމާލަށް ބަލަހައްޓައިހެންނެވެ.
ދެންމެ އެތެރެއަށް ވަތް ކުއްޖާއަކީ ނަރުހެއް ނޫންކަން ހައިފާއަށް ޔަޤީންވުމާއެކު، އޭނާ އެ ކުއްޖާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. އެއީ އަނެއްކާ އޮޅުމަކުން އެ ކޮޓަރިއަށް ވަދެވުނު ކުއްޖެއްބާއެވެ.
"ކޮން ކުއްޖެއްތީ؟" ކޮންމެވެސް ވަރަކަށް ބަލިކަށިކަން އެލުލެވިގެންވާ އަޑަކުން ހައިފާ ސުވާލުކޮށްލުމުން، މިޝްޔާއަށް ދޭނެ ޖަވާބެއް ނޭނގިފައި ހުރެވުނެވެ. އެތަނަށް ވަދެވުނު މޮޔަ އޭނާއަަށް ހީވިއެވެ. އެހެންނަމަވެސް އެއްޗެއް ނުުބުނެ ނުކުމެގެން ދާކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ.
"މީ.... މީ..." މިޝްޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ނޭނގުނު ކޮން ކުއްޖެއްކަމެއް... ކޮން ނަމެއްތަ ކިޔަނީ؟" ހައިފާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"މީ. މިޝް... "
"މިޝްޔާތަ؟"
(ނުނިމޭ)