އާޓިފިޝަލް އިންޓެލިޖެންސް ރިސާޗް އޯގަނައިޒޭޝަނެއް ކަމަށްވާ އޯޕަންއޭއައިގެ މަޝްހޫރު ބަހުގެ މޮޑެލް، ޗެޓްޖީޕީޓީއަށް އާ "ޗެޓްޖީޕީޓީ ޕްރޮފެޝަނަލް" ޕްލޭނެއް ތަޢާރަފް ކުރަން ނިންމައިފިއެވެ.

މަހަކު 42 ޑޮލަރުގެ އަގެއްގައި ދިނުމަށް ތައްޔާރުވަމުން އަންނަ މި ޕްލޭނަކީ ކަސްޓަމަރުންގެ ހިދުމަތާއި ކޮންޓެންޓް އުފެއްދުމާއި އެހެނިހެން އެޕްލިކޭޝަންތަކުގައި ބޭނުންކުރުމަށް ބޭނުންވާ މޮޑެލްގެ ގާބިލުކަން އިތުރުކޮށް ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްލޭނެކެވެ.

ޗެޓްޖީޕީޓީ ޕްރޮފެޝަނަލް ޕްލޭންގައި މައިގަނޑު ގިނަ ފީޗާތަކެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ޔޫސެޖް ލިމިޓް އިތުރުކުރުމާއި، ރެސްޕޮންސް ޓައިމްސް އަވަސްކުރުމާއި، ކަސްޓަމައިޒޭޝަން އޮޕްޝަންތައް ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެއެވެ. މި ފީޗާތަކުގެ ސަބަބުން ވިޔަފާރިތަކާއި ޖަމިއްޔާތަކުގެ ހިންގުމުގެ ތެރެއަށް މި މޮޑެލް ފަސޭހައިން އިންޓަގްރޭޓްކޮށް، ކަސްޓަމަރުންގެ ސުވާލުތަކަށް ފެންވަރު ރަނގަޅު ކޮންޓެންޓާއި ރެސްޕޮންސް އުފެއްދުމުގެ ގާބިލްކަން އިތުރުވެގެންދާނެއެވެ.

އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ވިދާޅުވީ ޗެޓްޖީޕީޓީގެ ގާބިލުކަމުގެ ބޭނުން މިހާރަށްވުރެ ޚަރަދު ކުޑަ އަދި ހަރުދަނާ ގޮތެއްގައި ހިފުމުގެ ގާބިލުކަން ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޗެޓްޖީޕީޓީ ޕްރޮފެޝަނަލް ޕްލޭންގެ ސަބަބުން ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ގުދުރަތީ ބަހުގެ ޕްރޮސެސިން އާއި މެޝިން ލާނިންގެ ބާރުގެ ބޭނުންހިފައި، އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ރަނގަޅުކޮށް ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ކަމަށް ގަބޫލުކުރަން." އޮލްޓްމަން ވިދާޅުވިއެވެ.

ޗެޓްޖީޕީޓީ ޕްރޮފެޝަނަލް ޕްލޭން މިހާރު ކުރިއަށް ގެންދަނީ ޓެސްޓިން މަރުހަލާއެއްގެ ދަށުން ލިމިޓެޑް ޓައިމް އުސޫލުން ކަމަށްވާއިރު، އޯޕަންއޭއައި އިން ވަނީ އެ ޕްލޭން ފުޅާ ދާއިރާއެއްގައި ލިބެން ފެށުމުގެ ކުރިން އެ ޕްލޭންގެ އެންމެހައި ކަންކަން ދެނެގަތުމަށާއި ބޭނުންވާ އެއްވެސް އެޖަސްޓްމަންޓެއް ހެދުމަށް ބޭނުންވޭތޯ އެޕްލޭން ބޭނުންކުރާ ފަރާތްތަކުގެ ފީޑްބެކް ނެގުމަށް ނިންމާފައެވެ.

ޗެޓްޖީޕީޓީގެ ޕޭޑް ވާޝަނެއް ދިނުމަށް އޯޕަންއޭއައިއިން އެޅި މި ފިޔަވަޅަކީ ވިޔަފާރިވެރިންނަށް އޭއައި ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.