14 Apr 2012, 11:36
މަސްތުވާތަކެތީގެ މައްސަލައެއްގައި ގޭ ބަންދުގައި ހުރި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
މިއަދު ހެނދުނު 9:07 ގައި މަރުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ގއ. ދާންދޫ ޑޭޒީމާގޭ މުހައްމަދު ޔަޒީދު 51، އެވެ.
އަދި އޭނާ މަރުވެފައި އޮއްވައި ފެނުނީ މާލޭގައި ޔަޒީދު ދިރިއުޅެމުންދާ ގ. ވެޖްވުޑް ގޭގެ ސިޓިންރޫމްގައި ގޮދަޑިއަޅައިގެން ނިދާފައި އޮއްވައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އޭނާ މަރުވެފައި އޮތްކަން އެނގުނީ އޭނާ އަށް ގޮވައި ހޭނުލުމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ޔަޒީދު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ. ނަމަވެސް އޭނާ މަރުވެފައި ވަނީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ ޑޮކްޓަރުގެ ރިޕޯޓުލިބުމުން ނޫނީ އޭނާ މަރުވެފައި ވަނީ ކިހިނެއް ކަން ބުނެދޭން ނޭނގޭނެ ކަމަށެވެ.
ޔަޒީދަކީ ފުލުހުން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި މާޗް މަހުގެ ނުވަވަނަ ދުވަހު ހައްޔަރުކޮށްފައި ވަނިކޮށް މި މަހުގެ ނުވަ ވަނަ ދުވަހު ކޯޓް އަމުރުގެ ދަށުން ގޭބަންދަށް ބަދަލުކޮށްފައިވާ މީހެކެވެ.
ޔަޒީދު ހައްޔަރުކޮށްފައި ވަނީ ބައިކިލޯގެ މަސްތުވާތަކެއްޗާއެކު ގަލޮޅުގެއެއްގެ ތެރެއިންނެވެ.