އަމީނީމަގު ސްޓޭޑިއަމް ސަރަހައްދުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު 4:10 ހާއިރު ކަމަށާއި އެ ހާދިސާގައި ޒަހަމްވީ ފިރިހެނެއް ކަމަށެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗްއިން "ސަން"އަށް ބުނީ އެ ހާދިސާގައި އަނިޔާވީ 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އެމާޖެންސީގައި ކަމަށެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގި ސަރަހައްދު ފުލުހުން ބަންދު ކުރުމާ ގުޅިގެން އަމީނީ ރޫޓުން ދަތުރު ކުރާ ބަހުގެ ރޫޓު ވެސް ވަނީ ބަދަލުކޮށްފައެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާއިން ބަލަމުންދާ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާއިރު މިދިޔަ ބުދަ ދުވަހު ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރިން ވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވެއެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާއިރު ފުލުހުން ބުނީ އެ މައްސަލަ ވެސް ބަލަމުން ދާ ކަމަށެވެ.