ވެހިކަލް ބަލާ ފާސްކުރުމުގެ ތެރޭގައި މާރާމާރީ މައްސަލަތަކާ ގުޅިގެން 65 މީހަކު މިމަހުގެ ތެރޭގައި ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިއަ އަންގާރަ ދުވަހާ ހަމައަށް ވެހިކަލްތައް ބަލާ ފާސްކުރި އިރު 65 މީހަކު މާރާމާރީ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭ ހިމެނެނީ މާރާމާރީ ހިންގައިގެން ހައްޔަރުކުރި މީހުންނާއި، މާރާމާރީ ހިންގަން ބޭނުންކުރާ އާލާތްތައް ފެނިގެންނާއި ފުލުހުންނަށް ހަމަލަދީގެން ހައްޔަރު ކުރި މީހުން ކަމަށެވެ.

ހިފަހައްޓާ ޗެކްކުރި މީހުންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަ މީހަކު ހައްޔަރު ކުރި އެވެ.

މާލޭގެ މަގުތައް ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ފުލުހުން ފެށި އޮޕަރޭޝަންގައި ބަލާފާސްކޮށް، ގަވާއިދާ ޚިލާފަށް ވެހިކަލް ދުއްވަމުންދިޔަ 20 ކުޑަކުއްޖަކު ހައްޔަރުކޮށްފައި ވެއެވެ. އަދި 30 ވެހިކަލް ޓޯ ކޮށްފައިވާއިރު ޓްރެފިކްގެ ތަފާތު މައްސަލަތަކާ ގުޅިގެން 49 މީހަކު ހައްޔަރުކޮށް އެހެނިހެން މައްސަލަތަކުގައި 21 މީހަކު ހައްޔަރު ކުރި އެވެ.

މާލޭގެ އެކި ހިސާބު ތަކުގައި 95 ވެހިކަލް ޗެކްޕޮއިންޓް ގާއިމުކޮށް މިހާތަނަށް 850 ވެހިކަލް ފުލުހުން ވަނީ ޗެކްކޮށް ނުރައްކާތެރިކޮށް ދުއްވި ތިން މީހަކު ފާހަގަކޮށްފައި ވެއެވެ.

ފުލުހުން މި އޮޕަރޭޝަން ކުރިޔަށް ގެންދާއިރު ފުލުހުން ހިފެހެއްޓި ދެ މީހަކު މިދިޔަ ހަފުތާތެރޭގައި ކަތިވަޅިއަކުން ފުލުހަކަށް ހަމަލަ ވެސް ދިނެވެ. އަދި މަގުތަކުގައި ފުލުހުން ޖަހާފައި ހުންނަ ޗެކް ޕޮއިންޓް ތައް ފަޅާލައި ބާރު ސްޕީޑްގައި ދުއްވުމާއި ފުލުހުންނަށް ހަމަލަދިނުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.