24 Jan 2023, 12:12
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެހެން ޕާޓީތަކުގެ ކުލަ ޖެހޭތަން ފެންނަ ކަމަށާއި އެހެން އެކަން ކުރައްވަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީ ބަލިނުކުރެވޭނެކަން ޔަގީންވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ. މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ އެތެރޭގެ އިންތިޚާބެއް ނަމަވެސް، މިކަމުގެ ތެރެއަށް އެހެން ޕާޓީތަކުން ވަންނަމުންދާ ކަމަށެވެ. އަދި، އެފަދަ ކަންކަމަށް އެމްޑީޕީގެ މެންބަރުން ހޭލާ ތިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާ ހިސާބަށް އައިއިރުގައި، މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެ ތެރޭގައި އެހެން ކުލަތައް އެބަޖެހޭ. ވިސްނަވަންވާނެ އެކަމާ ދޭތެރޭގައި، ބޭނުމަކީ ކޮބައިކަން." އެމަނިކުފާނު ވިދާޅުވިއެވެ.
"ސާފުކޮށް، އެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެން އޮތްކަން އެނގޭތީ އެކަމަށް ހުރަސް އެޅެން އޮތް ކަންތައްތައް އެބޭފުޅުން އެކުރައްވަނީ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކިރިޔާވެސް އެބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ ވެސް މީގެ ތެރެއަށްވަދެ، މި ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެބޭފުޅުން ނުކުމެ އެތިބީ"

އެމަނިކުފާނު އިޝާރާތް ކުރެއްވީ އެމްޑީޕީގެ މެންބަރުން ކެމްޕޭނަށް ވަޑައިގަންނަވާ ރަށްރަށުގައި އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކަށެވެ.
އެކަމަކު، އެމަނިކުފާނު ވިދާޅުވީ އެޕާޓީއަކީ އަބަދުވެސް ޑިމަކްރަސީގެ ނަމޫނާ ދައްކާ ޕާޓީއެއް ކަމަށާއި މިފަހަރުގެ އިންތިޚާބުގައި ވެސް އެހެން ޕާޓީތަކަށް ނަމޫނާ ދައްކާނެ ކަމަށެވެ. އެހެންވެ، ވާދަވެރި ފަރާތްތަކަށް ވެސް ދޭންޖެހޭ އިހްތިރާމު ދީގެން ކުރިއަށް ދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެން މިގެންދަނީ ވަރަށް ފުރިހަމަ ޑިމަކްރަޓިކް ނަމޫނާއެއް ދައްކަމުން. މިޕާޓީއަކީ ވަރަށް ޑިމަކްރަޓިކް ޕާޓީއެއް، މި ޕާޓީގައި ހިންގާ އެތެރޭގެ ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ، ޝައްކެއް އޮތް ކަމެއް ނޫން. މިހާތަނަށް ވެސް އަޅުގަނޑުމެން އެކަން ކޮށްފައި އޮތީ އެގޮތަށް." ރައީސް ވިދާޅުވިއެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ގޮތުގެ ފޯމިއުލާ އެބައޮތް ކަމަށާއި އެކަން އަންނަނީ ދައްކަމުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އިދިކޮޅަށް އުޅެނީ އެކަން ބަލައިނުގަނެވިގެން ކަމަށެވެ. އެމްޑީޕީގެ އެތެރޭ އިންތިޚާބެއް ގަޑުބަޑުކުރަން މަސައްކަތް ކުރަނީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކެމްޕޭނަށް ރައީސް އަންނަނީ ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.