މީސް މީޑިއާގައި ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމަށް ހާއްސަ ޔުނިޓެއް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްބަސްވެފައިވާ ކަމަށް ބުނެ އިދިކޮޅުން ދެއްކި ވާހަކަ އެކޮމިޝަނުން ދޮގުކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އޭސީސީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބުނީ މީސް މީޑިއާގައި އޭސީސީ ޓެގް ކުރުމަށްފަހު ކުރާ ކޮރަޕްޝަންގެ ތުހުމަތު ބަލާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

އަދި، އެކަމަށް ހާއްސަ ޔުނިޓެއް އުފެއްދުމަށް އެއްބަސްވެފައިވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އެކަމަކު، އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިޝަލް ނިޝާން މުހައްމަދު ދީދީ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މީސް މީޑިއާގައި މީހުން ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމަށް އާ ޔުނިޓެއް ހަދަން އޭސީސީން މަސައްކަތް ނުކުރާ ކަމަށެވެ.

އިދިކޮޅުން އިއްޔެ އޭސީސީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުން / ފޮޓޯ: ޕީޕީއެމް

ނަމަވެސް އޭސީސީގެ ކޮމިއުނިކޭޝަން ކަންކަން މެނޭޖްކުރާ މުވައްޒަފުން މިހާރުވެސް މެއިންސްޓްރީމް މީޑިއާތަކާއި މީސް މީޑިއާގައި ހުންނަ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކާއި ކުރާ ތުހުމަތުތައް ބަލައި މޮނީޓާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ، މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭސީސީގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލަމުން ގެންދާ ކަމަށެވެ.

އަދި، އެފަދަ މައްސަލަތައް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްޢޫލިއްޔަތުވެސް އަދާކުރަމުން ދާ ކަމަށާއި، އިންތިޚާބުތަކާއި ދިމާކޮށް ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.