ސަޝިމީ އާއި ސުޝީގެ ގޮތުގައި ތައްޔާރުކޮށްފައިވާ ރޯ ކަންނެލި މަސްކައިގެން އެމެރިކާގެ އެކި ސްޓޭޓްތަކުން 100 އަށް ވުރެ ގިނަ މީހުން ބަލިވެއްޖެ އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނީ އެގައުމުގެ 10 ސްޓޭޓަކާއި ކޮލަމްބިއާ ޑިސްޓްރިކްޓުން 116 މީހުން ކަންނެލި މަސްކައިގެން ބަލިވެ، 12 މީހަކު އެޑްމިޓްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް މީހަކު މަރުވިކަން އަދި އެނގިފައި ނުވާ ކަމަށެވެ. މަސްކައިގެން މީހުން ބަލިވީ މަހުގައި އުފެދޭ ވިހައެއް ކަމަށްވާ ސާލްމޮނެއްލާގެ ސަބަބުންނެވެ.

ކަންނެލިމަސް ކައިގެން އެމެރިކާގައި އެތައް ބަޔަކު ވިހަވުމުން ކަންނެލި މަހުގެ ވިޔަފާރިކުރާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މޫން މެރިން ޔޫއެސްއޭ ކޯޕަރޭޝަނުން ވަނީ އެކުންފުނިން ވިއްކާފައިވާ 2683 ކިލޯގްރާމްގެ މަސް އަމިއްލައަށް އިސްނަގައިގެން އަނބުރާ ގެންގޮސްފަ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެކުންފުނީގެ އޮޕަރޭޝަންތައް ޖަޕާނާއި ކޮރެއާ އާއި އިންޑިޔާ އާއި ޓައިވާނާއި ސިންގަޕޫރުގައި ހިންގަ އެވެ.

އެމެރިކާގެ އެފްޑީއޭ އިން ބުނީ ވިހަވީ ވައްތަރުގެ މަހުގެ އުފެއްދުންތަކަކީ އާއްމުކޮށް ވިއްކަން ހުންނަ އުފެއްދުންތަކެއް ނޫން ކަމަށެވެ. ނަމަވެސް އެ އުފެއްދުންތަކަކީ ރެސްޓޯރެންޓްތަކާއި ގްރޯސަރީ ސްޓޯރްތަކުގައި ކާބޯތަކެތި ހެދުމަށް ބޭނުނުންކުރާ އުފެއްދުންތަކެކެވެ.

ވިހަވުމުގެ މައްސަލަތައް ގިނައިން ރިޕޯޓްކޮށްފައި ވަނީ އެމެރިކާގެ އިރުމައްޗާއި ދެކުނުގެ ސަރަހައްދުތަކުންނެވެ. ނަމަވެސް އެ ގައުމުގެ ހުޅަނގުގައިވާ މިސޫރީ އާއި ޓެކްސަސްއިން ވެސް ބައެއް ރިޕޯޓްތައް ލިބިފައިވެ އެވެ.

ސަޝިމީ އާއި ސުޝީއަކީ ރާއްޖެ އިން ވެސް ގިނައިން އެކްސްޕޯޓްކުރާ ބާވަތްތަކެކެވެ.