24 Jan 2023, 10:01
ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ތާހިރާ ކަޝްޔަޕް ކެރިއަރުގެ ދެވަނަ ފީޗާ ފިލްމު އިޢުލާނުކޮށްފިއެވެ.
ތާހިރާ އެންމެ ފުރަތަމަ ތައްޔާރުކޮށްފައިވަނީ "ޝަރްމާ ޖީކީ ބޭޓީ"ގެ ނަމުގައި އުފެއްދި ފީޗާ ފިލްމެކެވެ. ފިލްމު "ޝަރްމާ ޖީކީ ބޭޓީ" ރިލީޒްވުމުގެކުރިން އިޢުލާނުކުރި ދެވަނަ ފިލްމަކީ ތާހިރާ ކަޝްޔަޕާއި ޕްރޮޑިއުސަރު ގުނީތް މޮންގާ ގުޅިގެން އުފައްދާ ފިލްމެކެވެ.
އިއްޔެ 38 އަހަރު ފުރުނު ލިޔުންތެރިޔާގެ އުފަންދުވަހާ ގުޅިގެން އިޢުލާނު ކުރި މި ފިލްމަކީ، ވަރަށް ޑްރާމާ ބޮޑު ފީޗާ ފިލްމެއް ކަމަށް ޕްރޮޑިއުސަރު ގުނީތް ވަނީ ބުނެފައެވެ. ފިލްމު އެނައުންސް ކުރެވުނީ ތާހިރާގެ އުފަންދުވަހު ކަމަށް ވިޔަސް ހަދިޔާ ލިބުނީ ގުނީތްއަށް ކަމަށް ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.
ކާމިޔާބު އެކްޓަރު އަޔުޝްމާން ކުރާނާގެ އަންހެނުން ތާހިރާގެ އިތުރު ފިލްމެއް އިޢުލާނު ކުރުމާއެކު ފޭނުން ވަނީ ތާހިރާއަށް މަރުޙަބާގެ މެސެޖުތައް ފޮނުވަން ފަށާފައެވެ. ޕްރޮޑިއުސަރު ގުނީތްއާއެކު މަސައްކަތް ކުރެވޭތީ އުފަލުންހުރި ލިޔުންތެރިޔާ ބުނެފައި ވަނީ މިއީ މިހާތަނަށް އައި އެންމެ އުފާވެރި އުފަންދުވަސް ކަމުގައެވެ.
ތާހިރާގެ ފުރަތަމަ ފީޗާ ފިލްމުކަމަށްވާ "ޝަރްމާ ޖީކީ ބޭޓީ"އަކީ، އަންހެން ބަތަލާއިން ލީޑް ރޯލްއިން ފެނިގެންދާ ކޮމެޑީ ޑްރާމާއެކެވެ. މި ފިލްމުން ފެނިގެންދާނެ މުހިއްމު ތަރިންގެ ތެރޭގައި ސާކްޝީ ތަންވާރް، ދިވްޔާ ދައްތާ އަދި ސައްޔާމީ ޚޭރް ހިމެނެއެވެ. މި ފިލްމު މިއަހަރު ރިލީޒްކުރުމަށް ނިންމާފައިވާއިރު ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނު ނުކުރެއެވެ.
ތާހިރާގެ ދެވަނަ ފިލްމުގައި ޕްރޮޑިއުސަރެއްގެ ދައުރު އަދާކުރާ ގުނީތްއަކީ، މަޝްހޫރު ފިލްމު "ގޭންގްސް އޮފް ވަސޭޕޫރް"، "ދަ ލަންޗް ބޮކްސް"، "މަސާން"، އަދި "ޕަގްގްލެއިތް" ފަދަ ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ ފަރާތެކެވެ. ތާހިރާއާއި ގުނީތް މީގެ ކުރިން ވަނީ ނެޓްފްލިކްސްއިން ގެނެސްދިން ކުރު ފިލްމެއްގައި ވެސް އެކީގައި މަސައްކަތް ކޮށްފައެވެ.