14 Apr 2012, 10:21
ރާއްޖެ އާއި ފިޖިގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް] ސީމެގް[ގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު ބާއްވާނެ ކަމަށް އެޖަމާއަތުން ބުނެފި އެވެ.
ކޮމަންވެލްތުން ބުނީ ރާއްޖެ އާއި ފީޖީއާ ދެ ގައުމުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސީމެގްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ހޯމަ ދުވަހު ލަންޑަންގައި ބާއްވާނެ ކަމަށެވެ. ކޮމަންވެލްތުގެ ޑިމޮކްރަޓިކް ވެލިއުތަކާއި ސިޔާސީ އުސޫލުތައް މިހާރަށް ވުރެ އާއްމުކޮށް ފެތުރޭނެ ގޮތްތަކަކާ މެދު އެ ބައްދަލުވުމުގައި މިނިސްޓަރުން މަޝްވަރާކުރައްވާނެ އެވެ.
ލަންޑަންގައި އޮންނަ ސީމެގްގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނީ އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ބޮބްކާރް އާއި ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރު ދީޕޫމޯނީއާއި ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯން ބެއަޑްއާއި ޖެމެއިކާގެ ފޮރިން މިނިސްޓަރު އާނޯލްޑް ޖޭ ނިކޮލްސަންއާއި ސިއެރަލިއޯންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަޑެބޯލާ ޖޫސޫ އާއި ޓެންޒޭނިއާގެ ފޮރިން މިނިސްޓަރު ބާނާޑް ކޭ މެމްބޭއާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފޮރިން މިނިސްޓަރު ސުރަޖްރާޓަން ރަމްބާޗަން އާއި ވަނުއާޓޫގެ ފޮރިން މިނިސްޓަރު އަލްފްރެޑް އޭ ކާލޮޓް އެވެ.
ސީމެގްގެ ބައްދަލުވުމަށް ފަހު ނޫސްކޮންފަރެންސެއް ބޭއްވާނެ ކަމަށް ބެލެވޭ ކަމަށް ކޮމަންވެލްތުން ބުންޏެވެ.
ރާއްޖޭގެ ވެރިކަން ފެބްރުއަރީ ހަތް ވަނަ ދުވަހު ބަދަލުވީ ފަހުން ސީމެގުން ވަނީ އެގްރޫޕްގެ އެޖެންޑާގައި ރާއްޖެ ހިމަނާފަ އެވެ. ވެރިކަން ބަދަލުވި ގޮތް ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކުރުމަށާއި އަވަސް އިންތިހާބެއް ބޭއްވުމަށް ކޮމަންވެލްތުން ކުރިން ވަނީ ގޮވާލާފަ އެވެ.