ހިންދީ ސިނަމާގެ މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަދި ބަތަލާ އަތިޔާ ޝެޓީ ކައިވެނިކޮށްފިއެވެ.

އަތިޔާ ކައިވެނިކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކްރިކެޓް ކުޅުންތެރިޔާ ކޭ.އެލް ރާހުލްއާއެވެ. ރާހުލްއަކީ، އިންޑިއާގެ ކްރިކެޓް ޓީމްގެ ވައިސް ކެޕްޓަންވެސްމެއެވެ. ތިން އަހަރު ވަންދެން ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން މީގެ ކުރިން އެއްވެސް ވަރަކަށް ދެ ފަރާތުން ވާހަކަ ދައްކާފައެއްވެސް ނުވެއެވެ.

އަތިޔާއާއި ރާހުލްގެ ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ އިންޑިއާގެ ކަންޑާލާގައި ހުންނަ، ސުނިލް ޝެޓީގެ އަމިއްލަ ފާމް ހައުސްގައި ޢާއިލާގެ ވަރަށް ގާތް މީހުންގެ ހާޒިރުގައެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ކުރި ކައިވެނީގެ ފޮޓޯތައް އަތިޔާވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

މި ކައިވެނީގެ ކުރިން ކައިވެނި ކުރާނެ ދުވަހާ ބެހޭ ގޮތުން މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ފެންމަތިވަމުން އައި ނަމަވެސް ދެ ފަރާތުން ވެސް ކައިވެންޏާ ބެހޭ މާބޮޑު ތަފްސީލެއް މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި އެކްޓަރު ސުނިލް ޝެޓީގެ ފާމް ހައުސް ކައިރީގައި އެއްވެފައި ތިބި މީޑީއާގެ ފޮޓޯގްރާފަރުންނަށް ކައިވެނީގެ މަޢުލޫމާތު ކޮންމެވެސް ވަރަކަށް އެކްޓަރު ސުނިލް ޝެޓީވަނީ ދީފައެވެ.

ކައިވެނީގެ މި ކުޑަ ހަފުލާއަށް ފަހު ބާއްވާ ޕާޓީ ނުވަތަ ކައިވެނީގެ ރިސެޕްޝަން ވަރަށް އަވަހަށް އިންޑިއާގެ މުމްބާއީގައި ބޭއްވޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ހަފުލާއަށް ބޮލީވުޑްގެ ގިނަ ބަޔަކަށް ދަޢުވަތު ދިނުމަށް ހަމަޖެހިފައިވާއިރު ކްރިކެޓް ދާއިރާގައި ފާހަގަކޮށްލެވޭ، ޚާއްޞަކޮށް ރާހުލްގެ ގާތް މީހުންނަށް ދަޢުވަތުދެވޭނެއެވެ. އަތިޔާއާއި ރާހުލްގެ ކައިވެނި ކުރެވުމާއެކު ބޮލީވުޑްގެ ގިނަ ތަރިން ވަނީ ދެމަފިރިންނަށާއި ޢާއިލާއަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.

އަތިޔާ ޝެޓީ ބޮލީވުޑަށް ތަޢާރަފުވެފައި ވަނީ، 2015 ވަނަ އަހަރު ނެރުނު ފިލްމު "ހީރޯ"އިންނެވެ. މި ފިލްމަށް ފަހު އަތިޔާ މިހާތަނަށް ފެނިފައިވަނީ ވަރަށް މަދު ފިލްމުތަކަކުންނެވެ. ފިލްމީ ކެރިއަރުގައި އަތިޔާއަށް މާ ބޮޑު މަޤުބޫލުކަމެއް ލިބިފައިނުވާއިރު އަތިޔާގެ ކޮއްކޮ އަހާން ޝެޓީވެސްވަނީ ފިލްމު އިންޑަސްޓްރީއަށް ތަޢާރަފުވެފައެވެ.