23 Jan 2023, 21:03
މި ސަރުކާރުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ރިބަން ކަނޑާނަމަ، ދައުރުގައި ބާކީ އޮތް ކޮންމެ ދުވަހަކު ޖެހޭނީ އެކަން ކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ. ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިބަން ކަނޑާ ނަމަ، ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހަކު އެކަން ކުރަންޖެހޭހާ ގިނަ މަޝްރޫއުތައް މި ސަރުކާރުން ހިންގާފައިވާ ކަމަށެވެ.
"ރިބަން ކަނޑަންޖެހޭ ނަމަ މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަންޖެހޭނީ އެކަމަށް. އެވަރަށް މަސައްކަތްތައް ނިމިފައި އެބަހުރި،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ އޮގަސްޓް މަހާ ހިސާބަށްދާއިރު އެ މަޝްރޫއުތައް ހުންނާނީ ނިމިފައި ކަމަށާއި، މި ސަރުކާރުން ރިބަން ކަނޑާނަމަ، އިތުރު ކަމެއް ކުރާނެ ވަގުތެއް ނޯންނާނެ ކަމަށެވެ. އަދި، ހުސްއެކަނި މި ސަރުކާރުން ތަރައްގީ ކުރަމުންދާ ބަނދަރުތަކުގެ ވާހަކަ އެކަނި ދައްކަން ވެސް މަދުވެގެން ބައިގަޑިއިރު ހޭދަވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، މިއަދު ހަވީރު އއ. ތޮއްޑޫގައި--- ފޮޓޯ/ އެމްޑީޕީ
"މި އަހަރުގެ ޖުލައި، އޮގަސްޓް ހިސާބަށް ދާއިރު މި ދެންނެވި ހުރިހާ މަސައްކަތްތަކެއް ހުންނާނީ ނިމިފައި. އަޅުގަނޑުމެންގެ ވަގުތު އެކަމަށް ހޭދަކުރާ ކަމަށްވާ ނަމަ، ދެން ނޯންނާނެ އެހެން ކަމެއް ކުރާކަށް [ވަގުތެއް]" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑުގެ އެންމެ ދަތި ހާލަތުގައި ވެސް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔަ ކަމަށާއި އެކަން އެގޮތަށް ނުކުރެއްވި ނަމަ، މިއަދު ރާއްޖެ އޮންނާނީ އަވަށްޓެރި ސްރީލަންކާ އޮތް ހާލަތުގައި ބަނގުރޫޓުވެފައި ކަމަށެވެ.
ރައީސް އެފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ފަށާ މަޝްރޫއުތައް ނުނިމޭ ކަމަށާއި ހަމައެކަނި ފައްޓަނީ ކަމަށް ވިދާޅުވެ، ޕްރައިމަރީގައި ދެން ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުން ތޮއްޑޫގައި އެކަނި ޖުމުލަ 17 މަޝްރޫއު އަންނަނީ ހިންގަމުންނެވެ.
އޭގެ ތެރެއިން ހަތަރު މަޝްްރޫއެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، ހަ މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރިއަށް ދަމުންނެވެ. އަދި، ދެ މަޝްރޫއެއް ޕްރީ ޓެންޑަރިން މަރުހަލާގައި އޮތްއިރު، ދެ މަޝްރޫއެއް އޮތީ ޓެންޑާކޮށްފައެވެ. އިތުރު ދެ މަޝްރޫއެއް ޕްލޭންކޮށް، އެއް މަޝްރޫއު ހިންގަން އޮތީ ބަޔަކާ ހަވާލުކޮށްފައެވެ.
ކެމްޕޭނަށް ރައީސް އަންނަނީ ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.