އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ވަޑައިގެންފިއެވެ.

ނަޝީދު އަރިހުގައި މިދަތުރުފުޅުގައި އައްޑޫއަށް ނިސްބަތްވާ ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ ދިޔާނާ ސައީދާއި ޑރ. މުހައްމަދު މުނައްވަރުވެސް އައްޑޫއަށް ވަޑައިގެންނެވިއެވެ. މުނައްވަރަކީ އެމްޑީޕީގެ ރައީސް ކަންވެސް ކުރެއްވި ބޭފުޅެކެވެ. ދިޔާނާ ވަނީ ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރައްވައިފައެވެ.

އައްޑޫއަކީ އެމްޑީޕީއަށް އެންމެ ތާއީދު ބޮޑު އެއް ސިޓީއެވެ. ނަޝީދު ވަނީ ކުރިއަށް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާއިރު ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

"ފިކުރެއްގެ ދިރުން" ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިންގައި އެމަނިކުފާނު މިއަދު އައްޑުއަށް ވަޑައިގަތުމުން، މި ކެމްޕެއިންގައި 70 އަށްވުރެ ގިނަ ރަށާއެކު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގަނެވުނީއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގެ ކެމްޕޭނަށް އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވާފައެވެ. ނަޝީދުގެ ކެމްޕޭން ޖަލްސާތަކުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ