23 Jan 2023, 21:13
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ.
"ގާލްސް ޓު ކޯޑު" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ މި ޕްރޮގްރާމުގެ މިހާރު ކުރިއަށްދަނީ، ލާމު އެޑިޝަނެވެ.
ދިރާގުން ބުނީ، މި ޕްރޮގްރާމުގައި ބައިވެރިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ބޭސިކް ކޯޑިން ހުނަރު ދަސްކޮށްދޭނޭ ކަމަށެވެ. ކްލާސްތައް ނިމޭއިރު ބައިވެރިންނަށް ދަސްވި ހުނަރު ބޭނުންކޮށްގެން އަމިއްލަ ވެބްސައިޓު ފަރުމާކުރެވޭނޭ ކަމަށްވެސް ދިރާގުން ބުނެއެވެ.
ދެ މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފަށައިފައިވަނީ އިއްޔެއެވެ. ގާލްސް ޓު ކޯޑް ލާމު އެޑިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، 14 އަހަރާއި 20 އަހަރުގެ އަންހެން ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވާ މި މަސައްކަތަށް ވަނުމަށް ބާރުވެރިކުރުވުން ކަމަށެވެ.
"ވަޒީފާގެ ދާއިރާއިން ކޮންމެ މަގެއް އިޚްތިޔާރު ކުރިޔަސް، ކޯޑިން އަކީ ތިހުރިހާ ބައިވެރިންނަށްވެސް ފައިދާހުރި ހުނަރަކަށްވާނެކަން ޔަޤީން. އަދި މީގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ އާ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ" ބިޝާރާ ވިދާޅުވިއެވެ.
މި ޕްރޮގްރާމާއި ބެހޭގޮތުން، ވާހަކަދައްކަވަމުން ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން ކުދިންނަށް ވަރަށް މުހިންމު ހުނަރުތަކެއް ދަސްވެގެންދާނޭ ކަމަށެވެ.
"ވެބްސައިޓް ބިނާކުރުމަށް ދަސްކޮށްދެމުންދާއިރު އެދަސްކޮށްދެވޭ ކޯޑިން ލެންގުއޭޖްތަކުގެ އިތުރުން ކުދިންގެ ވިސްނުން ބަހައްޓާނެ ގޮތާއި ޕްރޮބްލަމް-ސޮލްވިން ސްކިލްސްވެސް ދަސްވާނެ" އަސްނާ ވިދާޅުވިއެވެ.
މިޕްރޮގްރާމަކީ ގާލްސް ޓު ކޯޑް ސީރީޒްގެ ހަތަރުވަނަ ޕްރޮގްރާމެވެ. މީގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ 2019ވަނަ އަހަރު ޏ.ފުވައްމުލަކުގައެވެ. އަދި ދެވަނަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ، 2021ވަނަ އަހަރު ގދ. ތިނަދޫގައެވެ. ތިންވަނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2021ވަނަ އަހަރުގެ ފަހުކޮޅު ހދ. ކުޅުދުއްފުށީގައެވެ.