އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް އިންޑިއާ އިންތިޚާބު ކުރުމަށް ރާއްޖެއިން ތާއީދު ކުރާކަން ދިވެހި ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގެ 2028-2029 ދައުރަށް އިންޑިއާ އިންތިޚާބުކުރުމަށް ރާއްޖެއިން ނިންމާފައިވާކަމަށެވެ. ޚާރިޖިއްޔާގެ ބަޔާނުގައިވާ ގޮތުން ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑިއާ އިންތިޚާބުކުރުމަށް ރާއްޖެއިން ނިންމީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިމަހުގެ 18 އިން 19 އަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރާއްޖެއިން އިންޑިއާއަށް ދޭ އެއްބާރުލުމުން ދޭހަވަނީ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުންކަމަށެވެ.

ގައުމުތަކުގެ ސުލްހަ އާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށް އިންޑިއާއިން އަދާކުރަމުން އަންނަ ލީޑަޝިޕް ފާހަގަކުރަމުން ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާއަކީ އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި، އުސޫލްތަކަށް ފުރިހަމައަށް އިޙުތިރާމު ކުރަމުން އަންނަ ގައުމެއް ކަމަށެވެ.

މިގޮތުން ކުރިއަށްއޮތް ތަނުގައިވެސް ސަލާމަތީ މަޖިލީހުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި އަޑު އުފުލައި، ދުނިޔޭގެ ސުލްހައަށް މާނަހުރި ގޮތެއްގައި އިންޑިއާއިން ޚިދުމަތްކުރުމުގައި ދެމިހުންނާނޭކަން ޔަގީން ކުރާކަމަށް ވެސް ދިވެހި ޚާރިޖިއްޔާއިން ބުނެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ 2028-2029 ދައުރަށް އިންޑިއާއަށް ތާއީދުކުރާކަން ދިވެހި ޚާރިޖިއްޔާއިން ހާމަކޮށްފައިވާއިރު، ރާއްޖެއިން ވެސް ވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގެ 2033-2034 ދައުރަށް ކުރިމަތިލުމަށް ނިންމާފައެވެ. ރާއްޖެއިން ވަނީ މީގެކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އިންޑޮނޭޝިއާ އާ ވާދަކޮށް ރާއްޖެއަށް ވަނީ މެމްބަރުކަން ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައެވެ.