23 Jan 2023, 20:01
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ މުވައްޒަފުން ހޯދަން ފަށައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެކައުންސިލުން ބަގީ އޮޕަރޭޓުކުރަން އޮޕަރޭޓަރަކު ހޯދާކަމަށެވެ. މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ބަގީ ދުއްވަން ޑްރައިވަރުން ހޯދަން ވެސް އިއުލާނު ކުރާނެކަމަށެވެ.
ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ، ބަގީ އޮޕަރޭޓުކުރުމަށް ޝައުގުވެރިވާ މީހުން މައުލޫމާތު ސާފު ކުރުމަށާއި، އަގު ހުށަހެޅުމަށް ސިޓީ ކައުންސިލްގެ އިދާރާއަށް ހާޒިރުވުމަށެވެ.
އެގޮތުން މައުލޫމާތު ސާފުކުރަން ހާޒިރުވާން ޖެހޭ ވަގުތަކީ، އަންނަ ބުދަ ދުވަހުގެ މެންދުރު 01:00އެވެ. އަދި އަގު ހުށަހަޅަން މިމަހުގެ 29ވަނަ ދުވަހުގެ 11:00އަށް ހާޒިރުވުމަށް ވަނީ އެދިފައެވެ.
މިދިޔަ ހުކުރު ދުވަހު އެމްޓީސީސީން ވަނީ ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތް ވެސް ފަށައިފައެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ވިލިމާލޭގައި ބަގީގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓައިނުލާ ކުރިއަށްދާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ޖުމުލަ 10 ބަގީއެވެ. އަދި މި ހުރިހާ ބަގީއަކުން ވެސް 24ގަޑި އިރު ޚިދުމަތް ލިބޭނޭކަމަށް އެ ކައުންސިލުން ބުންޏެވެ. ކައުންސިލުން މިހާރު ކުރަމުން އަންނަނީ އެ ބަގީތައް ރާއްޖެ ގެނައުމުގެ މަސައްކަތެވެ.
ވިލިމާލޭގައި މީގެކުރިން އަމިއްލަ ބައެއް ފަރާތްތަކުން ބަގީގެ ދަތުރުތައް ކުރިނަމަވެސް، ބެޓްރީ ސައިކަލްތައް ގިނަވެ، ބަގީގެ ޚިދުމަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ވިލިމާލޭގައި އެކަށޭނަ ބަގީގެ ޚިދުމަތެއް ނެތުމަކީ، އެރަށަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ މީހުންނާއި، ހަފްތާ ބަންދުގައި އެރަށަށް ދަތުރުދާ ވަރަށް ގިނަ އާއިލާތަކެއްގެ ޝަކުވާއެކެވެ.