މިއަހަރުގެ ތެރޭގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަށާނެ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

އެންޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އޭޖެންސީގެ ސީއީއޯ އިމާދު ޞާލިޙް ވިދާޅުވީ، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފުޅާކުރުމަށް ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އެ އޭޖެންސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ކ. ހިންމަފުށީގައި ހިންގަމުންދިޔަ އަންހެނުންގެ ރިހެބިލިޓޭޝަން ސާވިސް މިހާރު ހުޅުމާލޭ ހާފްވޭ ހައުސްގެ ޚިދުމަތަށް ގުޅުވާލެވިފައިވާ ކަމަށާއި، މިވަގުތުވެސް އެތަނުގައި ހަ ކްލައިންޓުން އެބަތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. އައްޑޫ ސިޓީ ހިތަދޫގެ ޑިޓޮކްސް ސެންޓަރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި، މިހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން 15 ކްލައިންޓުންގެ ބެޗަކާއެކު އަލުން ޑިޓޮކްސިފިކޭޝަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި، ކ. ގުޅީގައި ހިންގަމުން ދިޔަ ސެންޓަރުގައި ދިމާވި ދަތިތަކާ ގުޅިގެން އެތަނުގެ ކްލައިންޓުން ހިންމަފުށީ ޕްރޮގްރާމްގެ ތެރެއަށް އެންރޯލް ކޮށްފައިވާއިރު، ގުޅީފަޅުގައި އެ ޕްރޮގްރާމް ހިންގިއިރު ތިބީ 10 ކްލައިންޓުންނެވެ. އެކަމަކު މިހާރު އެ އަދަދު ދެގުނަ ވެފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ.

ކޮމިއުނިޓީ ބޭސްޑް ފަރުވާގެ ނިޒާމަކީ މިހާރު އަޅުގަނޑުމެން އަތޮޅުތެރޭގައި ސިއްޙީ ދާއިރާއާ ގުޅިގެން، ސިއްޙީ މަރުކަޒު ތަކާއި، ހޮސްޕިތަލް ތަކާ ގުޅިގެން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮގްރާމެއް. މިއަހަރު ތެރޭގައި ޚާއްސަ ފަސް ސަރަހައްދެއްގައި މި ޕްރޮގްރާމް ފެށިގެން ކުރިއަށް ގެންދާނެ. އޭގެ ފުރަތަމަ ޕްރޮގްރާމް މިމަހުގެ 26 ވަނަ ދުވަހު ފެށުމަށްޓަކައި ހދ. ކުޅުދުއްފުށީގައި ފެށުމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ސިޓީ ކައުންސިލާއި އެންޑީއޭ އާ ގުޅިގެން އެ މަސައްކަތް އެބަ ކުރިއަށް ގެންދޭނެޝަނަލް ޑްރަގް އޭޖެންސީގެ ސީއީއޯ އިމާދު ޞާލިޙް

ފާއިތުވި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު އެންޑީއޭއިން 727 މީހެއްގެ އެސެސްމަންޓު ހަދާފައި ވެއެވެ. އޭގެތެރެއިން 694 މީހުންނަކީ ފިރިހެނުންނެވެ. އަދި 33 މީހުންނަކީ އަންހެނުންނެވެ. މިދިޔަ އަހަރު ޖުމްލަ 257 މީހުން ފަރުވާ ފުރިހަމަކޮށްފައިވެއެވެ.

އިމާދު ވިދާޅުވީ މި މަސައްކަތަކީ ދައުލަތުގެ ގިނަ މުއައްސަސާތަކެއްގެ ޒިންމާ އެކުލެވޭ ބޮޑު މަސައްކަތެއް ކަމަށާއި، ފަރުވާ ފުރިހަމަ ކުރުމަށްފަހު މުޖުތަމައުއަށް ނުކުތުމަށް ފަހުވެސް އެމީހުންނަށް ދިމާވާ މައްސަލަތައް އެބަހުރިކަމަށެވެ. އަދި، މުޖުތަމައުގެ ތެރޭގައި ހުރި ހުރިހާ މައްސަލަތަކަށް ހައްލު ގެނައުމަށް ގެންނަންޖެހޭ ބައެއް މުހިންމު ބަދަލުތަކެއް އެބަހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.