ބިސާއޮ (އެޕްރިލް 14) : ގިނީ ބިސާއޮގެ ސިފައިން އެޤައުމަށް އިއްޔެ ޢަސްކަރީ އިންޤިލާބެއް ގެނަސް ވެރިކަން ބަދަލުކޮށްލުމަށްފަހު ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅައިފިއެވެ.

ގިނީ ބިސާއޮގެ ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތައް ބުނިގޮތުގައި ބާރުގެ ބޭނުންކޮށްގެން ވެރިކަން ބަދަލުކޮށްލި ސިފައިންގެ އޮފްސަރުންވަނީ ސިފައިންނަށް ދާޚިލީ ވުޒާރާއާއި ދިފާޢީ ވުޒާރާގެ ވަޒީރުކަމާއި އެވުޒާރާތަކުގެ ސިޔާސީ މަޤާމްތައް ދޭގޮތަށް ހުރިހާ ޕާޓީތަކެއް ހިމަނައިގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅާފައެވެ. މިހުށަހެޅުމާބެހޭގޮތުން ސިޔާސީ ޕާޓީތައް މިހާރު މަޝްވަރާކުރަމުން ގެންދާ ކަމަށާ ނަމަވެސް މިކަމާބެހޭގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް ސީޔާސީ ޕާޓީތަކުން ބުނެއެވެ.

ގިނީ ބިސާއޮ އަށް އިއްޔެ ގެނައި ޢަސްކަރީ އިންޤިލާބުގައި ސިފައިންވަނީ ވެރިރަށް ބިސާއޮ ގެ ބޮޑުބައެއް ހިފައި ޤައުމީ ޓީވީ އާއި ވެރިކަންކުރާ ޕާޓީގެ އޮފީސް އެމީހުންގެ ބާރުގެ ދަށަށް ގެނަސްފައެވެ.ސިފައިންގެ ޒުވާން އޮފްސަރުންތަކެއް އިސްކޮށް ތިބެގެން ގެނައި މިއިންޤިލާބުގައި ސަރުކާރަށް ވަފާތެރި ސިފައިންގެ ވެރިޔާ ޖެނެރަލް އެންޓޯނިޔޯ ނިޖާއި އާއި ސިފައިންގެ ބައެއް އިސް އޮފްސަރުންވަނީ ހައްޔަރުކޮށްފައެވެ. އަދި މަޤާމުގެ މުއްދަތު ހަމަވެފައިވާ ނަަމަވެސް އެޤައުމުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނިމެންދެން މަޤާމުގައި ހުންނެވި ބޮޑުވަޒީރު ކާރލޮސް ގުމޭސް އާއި އިންތިޤާލީ ރައީސް ރާއިމަންޑޫ ޕެރޭރާ ވެސްވަނީ ހައްޔަރުކޮށްފައެވެ.

ގިނީ ބިސާއޮގެ އިންޤިލާބާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހާއި އެފްރިކާގެ ޤައުމުތަކުންވަނީ އަޑުއުފުލާފައެވެ. މިފަރާތްތަކުންވަނީ ބޮޑުވަޒީރާއި ރައީސް އެބޭފުޅުންގެ މަޤާމުތަަކަށްް އަލުން ރުޖޫޢަކޮށް ވެރިކަން ދޫކޮށްލުމަށް އިންޤިލާބީ ސިފައިންނަށް ގޮވާލާފައެވެ.

މިދިޔަ ޖަނަވަރީމަހު ގިނީ ބިސާއޮގެ ރައީސް މާލަމް ބަކާއި ސިންހާ އަވަހާރަވުމާގުޅިގެން މިދިޔަ މާރޗްމަހުގެ 18 ވަނަދުވަހުވަނީ އެޤައުމުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ބާއްވާފައެވެ. 9 ކެންޑިޑޭޓަކު ވާދަކުރި މިއިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50% ނުލިބުމުން އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އެޕްރީލްމަހުގެ 29 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެބޭފުޅުންނަކީ ބޮޑުވަޒީރު ކާލޮސް ގުމޭސް އާއި ކުރީގެ ރައީސެއް ކަމަށްވާ ކޮންބާ ބާލާ އެވެ. މީގެތެރެއިން ބޮޑުވަޒީރު ގުމޭސްއަށް ލިބިވަޑައިގެންނެވި ވޯޓުގެ ނިސްބަތް ކޮންބާލާއަށް ލިބިވަޑައިގެންނެވި ވޯޓުގެ ނިސްބަތަށްވުރެ އެތަށްތަނެއް ބޮޑެވެ.

ގުމޭސްއަށް ވޯޓުގެ 48% ލިބުނު ކަމަށް ޚަބަރު ލިބެއެވެ. އެހެންކަމުން މި އެޕްރީލްމަހުގެ 29 ވަނަ ދުވަހު މިދެބޭފުޅުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގައި ބޮޑު ތަފާތަކުން ގުމޭސް ކުރިހޯއްދަވާނެ ކަމަށްވަނީ ބެލެވިފައެވެ. ގިނީ ބިސާއޮއަށް ޢަސްކަރީ އިންޤިލާބެއް ގެނައީ ގުމޭސް އިންތިޚާބު ކާމިޔާބުކުރައްވަފާނެކަން ޔަގީންވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އިންޤިލާބުގެ ފަހަތުގައި އޭނާގެ ވާދަވެރިޔާ ކުރީގެ ރައީސެއް ކަމަށްވާ ކޮންބާލާ ހުންނެވިކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ގާތްވަމުންދާއިރު މިދެކެންޑިޑޭޓުންގެ ސަޕޯޓަރުންގެ ދެމެދުގައި ވާދަވެރިކަންވަނީ ވަރަށް ބޮޑުވެފައެވެ. މިދެކެންޑިޑޭޓުންގެ ތެރެއިން ކުރީގެ ރައީސެއް ކަމަށްވާ ކޮންބާ ބާލާ އަކީ ގިނީ ބިސާއޮގެ 25% މީހުން ނިސްބަތްވާ ބްލާންތީ ދަރިކޮޅުގެ ބޭފުޅެކެވެ. ގިނީ ބޮސާއޮގެ ސިފައިންގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައިމީހުން ނިސްބަތްވަނީ މި ދަރިކޮޅަށެވެ. 1974 ގައި ޕޯޗްގަލްގެ އިސްތިއްމާރުން މިނިވަންވުމަށްފަހު މިޤައުމަކީ ޢަސްކަރީ އިންޤިލާބުތަކާއި ސިޔާސީ ކަތިލުންތައް ގިނަ ޤައުމެކެވެ. -- ބީބީސީ