23 Jan 2023, 19:52
މިދިޔަ ހަފުތާގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެންމެ ފަސް މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ ތިން މީހުންނެވެ. އަދި އަތޮޅު ތެރެއިން އެކަކު ޕޮޒިޓިވްވެފައި ވާއިރު، އެހެނިހެން ތަންތަނުން ވެސް ޕޮޒިޓިވްވީ އެންމެ މީހެކެވެ. މީގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި ބާއްވައިގެން ވަނީ ފަރުވާދީފައެވެ.
އެހެނިހެން ތަންތަނުގެ ގޮތުގައި ބަލަނީ ރިސޯޓުތަކާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްރަށާއި އޮޑި ދޯނި ފަހަރެވެ.
މި މަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ، ނުވަ މީހުންނެވެ. އަދި ދެވަނަ ހަފުތާގައި ހަ މީހުން ޕޮޒިޓިވްވެފައިވެއެވެ. މިދިޔަ އަހަރުގެ މެދުތެރޭގައި ރާއްޖެއިން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓުވްވެފައިވެއެވެ. އެގޮތުން ޖުލައި މަހު 180އަށްވުރެ ގިނަ ކޭސް އެޗްޕީއޭއަށް ރިޕޯޓުކޮށްފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 185،713އަށް އަރާފައެވެ. އަދި ރާއްޖޭން މި ބަލީގައި 311 މީހުން ވަނީ މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑު ކޮންޓްރޯލް ވެފައިވީ ނަމަވެސް، ދުނިޔޭގެ ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.