ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މި އަހަރުގެ މާޗު އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ސެމިސްޓާއަށް އެ ކޮލެޖުން ފުރުސަތު ހުޅުވާލީ 13 އެކި ދާއިރާއެއްގެ 71 ޕްރޮގްރާމަކަށެވެ.

މި ޕްރޮގްރާމުތަކުގެ ދަށުން އެ ކޮލެޖުން ސެޓިފިކެޓު ތިނަކުން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެކޮލެޖުން ދަރިވަރުންނަށް އުނގަންނައިދޭ ޑިގްރީ ޕްރޮގްރާމަކީ ސަރުކާރުގެ ހިލޭ ޑީގްރީ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކެކެވެ.

ޒިކުރާ އިން މިފަހަރު ވެސް ހުޅުވާލާ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ އެންޑް ކައުންސެލިން، ނާސިން، އެކައުންޓިން އެންޑް ފައިނޭންސް، ފާމަސީ، އާޓްސް އެންޑް އެޑިއުކޭޝަން، އަރަބިކް ލެންގުއޭޖް އަދި ޤުރްއާނިކް ޓީޗިން ހިމެނެއެވެ.

ކްލާސްތަކަށް ހާޒިރު ވުމުގެ އިތުރުން، އޮންލައިންކޮށް ކިޔެވޭ ކޯސްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ޒިކުރާ އިން ހޯދައިދެއެވެ. އެގޮތުން އެމްްކިއުއޭގެ އީ ލާނިންގް ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީން އެ ކޮލެޖުގެ އެތަކެއް ޕްރޮގްރާމަކަށް އެމްކިއުއޭއިން ވަނީ އެޕްރޫވަލް ވެސް ދީފައެވެ. އެހެން ކަމުން ގޭގައި ހުރެގެން ވެސް ކިޔެވުމުގެ ފުރުސަތު އެކޮލެޖުގެ ދަރިވަރުންނަށް ލިބޭނެއެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ވިޔަފާރި ދާއިރާގެ ކޯސްތަކެވެ.

މި ކޯސްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން ޒިކުރާ ކޮލެޖުގެވެބްސައިޓުގައިވާ އީ ފޯމްފުރާލައިގެން ބައިވެރިވެވޭނެއެވެ. އަދި އިތުރު މައުލޫމާތުތައް އެ ކޮލެޖުގެވެބްސައިޓުންލިބޭނެއެވެ.