23 Jan 2023, 18:24
ވޮޝިންޓަން (23 ޖަނަވަރީ 2023): އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި މިހާރުގެ ރައީސް ޖޯ ބައިޑެންއަކީ ވެސް ޖިނާއީ ދައުވާތައް ކުރެވޭވަރުގެ މައްސަލަތައް ކުރިމަތިވެފައިވާ ދެ ބޭފުޅުންކަމަށާއި 2024 ގައި އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބަކީ އެދެބޭފުޅުންގެ ތެރެއިން ޖަލަށް ދާންޖެހޭނީ ކޮންބޭފުޅެއްކަން ކަނޑައެޅުމުގެ އިންތިޚާބެއްކަމަށް އެގައުމުގެ ނޫހެއްކަމަށްވާ "ދަ ހިލް" އިން ބުނެފިއެވެ.
"ދަ ހިލް"ގައި އެމެރިކާގެ ލިޔުންތެރިއެއްކަމަށްވާ ޖޮނަތަން ޓޯލީ ލިޔުއްވާފައިވާ ރިޕޯޓެއް ބުނާގޮތުން ޓްރަމްޕްގެ ވެރިކަމުގެ ފަހުދުވަސްކޮޅު އޭނާގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސްގެ އިމާރާތަށް ވަދެގަނެ ހިންގި ޣައިރުގާނޫނީ އަމަލުތަކާއި އެމީހުން ލިޔެކިޔުންތައް ނައްތާލައި ތަންތަން ހަލާކުކޮށް ދިން ގެއްލުންތަކުގެ ފަހަތުގައި ހުންނެވީ ޓްރަމްޕްކަން މިހާތަނަށް ކުރި ތަހްގީގުތަކުން ހާމަވެފައިވާއިރު ކޯޓު މަރުހަލާއިން މިކަން ސާބިތުވެ ޓްރަމްޕްގެ މައްޗަށް ޖަލު ހުކުމެއް އައުން އޮތީ ވަރަށް ގާތުގައެވެ.
އަނެއްކޮޅުން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ދެ ގެއަކުން ފެނުނު އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކުގެ މައްސަލަވެސް ވަކި ކުޑައެއްނޫނެވެ. މި މައްސަލައާ ގުޅިގެން އަމިއްލަ ދިފާއުގައި ބައިޑެން ކޮންމެ ގޮތަކަށް ވާހަކަދެއްކެވި ނަމަވެސް އެމެރިކާ ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ހުއްދައަކާނުލައި ފޮރުވައިގެން އުޅުނުކަމުގެ ތުހުމަތު ބައިޑެންގެ މައްޗަށް ވަނީ ނުރަސްމީކޮށް ކުރެވިފައެވެ.
ބައިޑެންގެ ވެރިކަމުގައި މި މައްސަލަ ރަސްމީ ސިފައެއްގައި ނުބެލުނުނަމަވެސް އަންނަ އަހަރު އެމެރިކާގެ ރިޔާސީ ކެންޕޭން ފެށުމާއެކު މިދެބޭފުޅުންގެ މި މައްސަލަތައް އެމެރިކާގެ ސިޔާސީ މަސްރަހަށް އަލުން ފެންމަތިވާނެކަމަށް މި ރިޕޯޓް ބުނެއެވެ.
"ދަ ހިލް"ގެ ރިޕޯޓް ބުނާގޮތުން މި ދެ މައްސަލައާ ގުޅިގެން މި ދެ ބޭފުޅުންގެ ތެރެއިން ޖަލަށް ވަޑައިގަންނަވަންޖެހޭ ބޭފުޅަކު ކަނޑައެޅޭނީ 2024ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ރައްޔިތުން ވޯޓު ދޭ ގޮތަކުންނެވެ. ދެހާސް ސާދައިގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކަށް ވުމަށް ޓްރަމްޕް މަސައްކަތް ކުރައްވާއިރު އަދި އެއިންތިޚާބުގައި ބައިޑެން ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަމަށްވަނީ ބެލެވެން ފަށާފައެވެ. ނަމަވެސް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ބައިޑެން ރަސްމީ ސިފައެއްގައި އަދި އިއުލާނު ކުރައްވާފައެއް ނުވެއެވެ.
"ދަ ހިލް"ގައި ޖޮނަތަން ޓޯލީ ލިޔުއްވާފައިވާ ރިޕޯޓް ބުނާގޮތުން އެމެރިކާގެ ސިޔާސީ މަސްރަހުން މިދަނީ އެމެރިކާގެ މުޅި ތާރީޚަށް ބަލާއިރުވެސް ވަރަށް ހައްސާސް މަންޒަރެއް ފެނުމާ ދިމާއަށެވެ. އެއީ އެމެރިކާގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާއީ މައްސަލަތަކެއް ފެންމަތިވެ އެމައްސަލާގައި ޖަލަށް ދާންޖެހިދާނެކަމުގެ މަންޒަރެވެ. އެމެރިކާގައި އެތައް ރައީސުން ވެރިކަން ކުރައްވާފައިވާއިރު އެއްވެސް ރައީސަކު ވެރިކަމުގައި ހުންނެވިއިރު ކުރައްވާފައިވާ ކުށެއްގެ ސަބަބުން ފާބައިވަޑައިގަތުމަށްފަހު އެބޭފުޅަކަށް ޖަލު ހުކުމެއް މިހާތަނަށް އައިސްފައެއް ނުވެއެވެ.
ނަމަވެސް ޓްރަމްޕާއި ބައިޑެންގެ މައްސަލަ ތަފާތެވެ. މި ދެމައްސަލާގައި އެދެބޭފުޅުން މުސްކުޅި އުމުރުގައި ޖަލަށް ވަޑައިގަންނަވަން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް މި ރިޕޯޓް ބުނެއެވެ.
ޓްރަމްޕް ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް އަރައިގަނެ ހިންގި ޓެރަރިޒަމްގެ އަމަލުތައް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ތަހްގީގުކޮށްފައިވާއިރު ޓްރަމްޕްގެ މައްޗަށްވަނީ އަދާލަތަށް ހުރަސްއެޅުމާއި ދޮގު ބަޔާންތައް ދިނުމާއި ސަޕޯޓަރުން ބޭނުންކޮށްގެން އެމެރިކާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ކުރެވިފައެވެ.
ނަމަވެސް އެމެރިކާގައި ދާދިފަހުން ބޭއްވި ކޮންގްރެސް އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ ހައުސްގެ އަޣްލަބިއްޔަތު ހޯދާފައިވާތީ މިމައްސަލާގައި ޓްރަމްޕްގެ މައްޗަށް ދައުވާކުރާކަމަށް ހައުސްއަކުން އަދި ނުނިންމައެވެ. ޓްރަމްޕްގެ މައްޗަށް ދައުވާކުރެވޭނެކަމަށް ބެލެވޭ އަނެއް މައްސަލައަކީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ރިސޯޓުން އެމެރިކާ ސަރުކާރުގެ ސިއްރު ލިކިޔުންތަކެއް ފެނުމެވެ.
ވެރިކަމުގެ ދުވަސްވަރު ލިބިފައިވާ ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ޓްރަމްޕް އޭނާ ދިރިއުޅުއްވާ ރެސޯޓްގައި ރައްކާކުރައްވާފައިވާ އެމެރިކާ ސަރުކާރުގެ ސިއްރު ކިޔުންތަކެއް މިދިޔަ އަހަރު އެމެރިކާ އެފްބީއައިގެ އެޖެންޓުންވަނީ ހޯދާފައެވެ. މިއީވެސް ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ މައްސަލައެކެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންއަށް ބަލާއިރު އޭނާގެ ހާލުވެސް ވަކި ރަނގަޅެއް ނޫނެވެ. ބައިޑެން ގެ އަމިއްލަ ދެ ގެއެއްގައި އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ރައްކާކޮށްފައި ބެހެއްޓިކަން އެފްބީއައި އިންވަނީ ރަސްމީކޮށް ފަޅާއަރުވާލަފައެވެ. އެ ލިޔުންތަކަކީ ސިއްރު އަދި ހައްސާސް ލިޔުންތަކެއްކަންވެސް އެފްބީއައި އިންވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާގުޅޭ ލިޔުންތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ބައިޑެންއަކީ އެމެރިކާގެ މިހާރުގެ ރައީސްކަމަށް ވެފައި ރައީސަށް ލިބިފައިވާ ގާނޫނީ ހިމާޔަތްތަކުގެ ސަބަބުން ބައިޑެންގެ ވެރިކަމުގައި މިމައްސަލަ ނުހިނގި ނަމަވެސް އިދިކޮޅު ރިޕަބްލިކަންޕާޓީއަށް ވެރިކަން ލިބިއްޖެނަމަ މިމައްސަލަ ހިނގައިގަންނާނެކަމަށް މި ރިޕޯޓް ބުނެއެވެ.