23 Jan 2023, 13:49
މިއަދުގެ ރީތި ތާރީޚުގައި މާލެ ސަރަހައްދުން 18 ކައިވެނިކުރަން ރަޖިސްޓްރީކޮށްފައި ވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
މިއަދު ފެމިލީ ކޯޓުން ބުނީ މި ދުވަސްކޮޅު ކައިވެނި ކުރާ އަދަދު ދަށްވެފައި ވާކަމަށެވެ. އެގޮތުން ފެމިލީ ކޯޓުގައި މިހާރު ދުވާލެއްގެ މައްޗަށް ކައިވެނިކުރާ އެވަރެޖް އަދަދަކީ ނުވަ ކައިވެންޏާ 10ކައިވެންޏާ ދެމެދު ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.
ރީތި ތާރީޚުތަކުގައި ކައިވެނިކުރުން މިހާރު ރާއްޖޭގައި ވެސް ސަގާފަތަކަށް ވެފައިވާއިރު، މިއީ މި އަހަރުގެ ފުރަތަމަ ރީތި ތާރީޚެވެ. މިއަދުގެ ތާރީޚަކީ 23-1-23 އެވެ. މިއަހަރު ދެން އަންނަ އެންމެ ރީތި ތާރީޚަކީ މާޗް މަހުގެ 23 ވަނަ ދުވަހެވެ. އެއީ 23.03.2023އެވެ. އެދުވަހު ވެސް މާލޭ ސަރަހައްދުންނާއި އަތޮޅުތެރެއިން ގިނަ އަދަދަކަށް މީހުން ކައިވެނި ކުރާނެކަމަށް ލަފާކުރެވެއެވެ.
މިދިޔަ އަހަރުގެ ރީތި ތާރީޚު ތަކުގައި ވެސް ފެމިލީ ކޯޓުގައި ގިނަ ކައިވެނި ތަކެއް ކޮށްފައި ވެއެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރީ، އެއަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22ގައެވެ. އެ ދުވަހު ފެމެލީ ކޯޓުގައި ރަޖިސްްޓްރީކޮށްގެން 85 ކައިވެނި ވަނީ ކޮށްފައެވެ.
މިދިޔަ އަހަރު ދެން އައި އެންމެ ރީތި ތާރީޚަކީ 02.02.22 އެވެ. އެ ދުވަހު މާލޭގައި ވަނީ 39 ކައިވެނި ކޮށްފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހާއި 12ވަނަ ދުވަހު ވެސް ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްގެން ގިނަ ކައިވެނިތަކެއް ވަނީ ކޮށްފައެވެ.