23 Jan 2023, 14:05
އެެއްހާސް ފަތުރުވެރިންނާއެކު މިއަހަރުގެ ފުރަތަމަ ކްރޫޒް ލައިނާ މިއަދު މާލެ އަތުވެއްޖެއެވެ.
މިއަދު ހެނދުނު މާލެ ބޭރުގައި ބަނދަރުކުރީ ޖަރުމަނުގެ މަޝްހޫރު ކްރޫޒް ލައިނާ އެމްއެސް އާޓިއާނިއާއެވެ. އޭގެން އައި ޓޫރިސްޓުން މިއަދު ހެނދުނުން ފެށިގެން އަންނަނީ މާލެއަށް ފައިބަމުންނެވެ.
މިކަމާ ގުޅޭ ގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކްރޫޒް ޓޫރިޒަމަކީ ދުނިޔޭގައި ވަރަށް ކުރިއަރަމުން އަންނަ ވިޔަފާރިއެއް ކަމަށާއި، ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް މި ޓޫރިޒަކީ މުހިއްމު އަދި އޭގެ ބޭނުން ހިފޭނެ ޓޫރިޒަމެއް ކަމަށެވެ.
މި އަހަރު މީގެ ގިނަ ކްރޫޒް ލައިނާތައް މާލެއަށް އައުމަށް ހަމަޖެހިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ސެންޓްރަލް ޒޯނުގެ އިތުރުން، އެހެނިހެން ޒޯންތަކަށް މި ފަދަ ކްރޫޒްތައް އަންނަން ފަށާނެ ކަމަށް މިނިސްޓާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން 2025 ވަނަ އަހަރަށް ޑެޑިކޭޓެޑް ކްރޫޒް ޓޫރިޒަމް ރާއްޖެއަށް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރާނަން،" މިނިސްޓާ ވިދާޅުވިއެވެ.
މި ކްރޫޒް ލައިނާއާ އެކު ރާއްޖެއަށް މި އަހަރު ނުވަ ކްރޫޒް ލައިނާއެއް ގެނައުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.
މިއަހަރު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކްރޫޒް ލައިނާ ތަކުގެ ޝެޑިއުލް:
23.01.23 - އެމްއެސް އާޓިއާނިއާ (މާލެއަށް) - 1000 ފަތުރުވެރިން
02.02.23 - އެމްއެސް އޯޝެނިއާ ނޯޓިކާ (މާލެއަށް) - 684 ފަތުރުވެރިން
17.03.23 - އެމްއެސް ސިލްވާ ޝެޑޯ (އައްޑޫއަށް) - 388 ފަތުރުވެރިން
04.02.23 - އެމްއެސް ކޯސްޓާ ޑެލިޒިއޯސާ (މާލެއަށް) - 2826 ފަތުރުވެރިން
07.04.23 - އެމްއެސް ސެވަން ސީސް މެރީނާ (މާލެއަށް) - 700 ފަތުރުވެރިން
06.11.23 - އެމްއެސް އައިޑާބެއްލާ (މާލެއަށް) - 2050 ފަތުރުވެރިން
01.12.23 - އެމްއެސް ވަސްކޮ ޑަ ގާމާ ނިކޯ (މާލެއަށް) - 1512 ފަތުރުވެރިން
16.12.23 - އެމްއެސް ފްރެޑް އޮލްސެން ބޮލެޓް (ހާ އަލިފަށް) - 1400 ފަތުރުވެރިން
18.12.23 - އެމްއެސް ފްރެޑް އޮލްސެން ބޮލެޓް (އައްޑޫއަށް) - 1400 ފަތުރުވެރިން
މި ހުރިހާ ކްރޫޒްލައިނަތަކަކީ މިދިޔަ އަހަރު ރާއްޖެއައި ކްރޫޒްލައިނާތަކަށް ވުރެ ބޮޑު ކްރޫޒްލައިނާ ތަކެކެވެ.
ކްރޫޒް ލައިނާތައް ރާއްޖެ އައުމަކީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެކެވެ. ނަމަވެސް، ރާއްޖެ އައުމުގައި މި ލައިނާތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރަނގަޅު ބަނދަރެއް ނެތުމާއި ޓޫރިސްޓުންނަށް އެދެވޭ ހިދުމަތްތަކެއް ދެވޭނެ އިންތިޒާމުތަކެއް ނެތުން ހިމެނެއެވެ.
ނަމަވެސް މި އަހަރު މި ވިޔަފާރި އިތުރަށް ފުޅާވެ، ރާއްޖެއަށް މީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.