23 Jan 2023, 12:12
ރާއްޖޭގައި ލޯކަލް ޓޫރިޒަމްގެ ފެށުމަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެށުނު ކަމެއް ނޫން ކަމަށާއި، އެއީ އެ މަނިކުފާނު ހިމެނިވަޑައިގަންނަވާހެން އެއިރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެއްގެ ސަބަބުން ފެށުނު ކަމެއްކަމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ކުރައްވަމުން އަންނަ ކެމްޕެއިން ދަތުރުފުޅުގައި ކ. އަތޮޅު ގުރައިދޫއަށް ވަޑައިގެން އެ ރަށުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ލޯކަލް ޓޫރިޒަމްގެ ނަތީޖާ ފެންނަން ފެށީ ފާއިތުވި 10 އަހަރުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ކުރިން މާލޭގައި ނޫނީ، ރަށްރަށުގައި ގެސްޓު ހައުސްތައް ހެދުމަކީ މަނާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ކަން ބަދަލުކުރީ މަޖިލިސް ތެރެއިންކަމަށް ވިދާޅުވިއެވެ.
"އެއަށްފަހުގައި ރަށްރަށުގައި ގެސްޓު ހައުސް ހެދޭނެ ގޮތަށް އެ ބަދަލު ގެނައި ކޮން އިރަކު ކޮން ބައެއްތޯ މިއީ ވެސް ވިސްނަންޖެހޭނެ ކަމެއް. ތެދެއް. އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގެ ތެރޭގައި އެބަހުރި މަސައްކަތްތަކެއް ކުރެވިފައި. އެހެން ނަމަވެސް ކުރިން ސަރުކާރުން އެ ނިންމައިފައި އޮތް ނިންމުން ބަދަލުވެގެން ދިޔައީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން މަޖިލިސް ތެރެއިން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ވެސް މި ވިޔަފާރި ފަށަން ލާޒިމްކޮށް މަޖިލިސް ތެރެއިން ބިލެއް ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.
"އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ. މޫސާ މަނިކު، އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހުލޫފު[ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް] ވެސް އެތާ އިންނަވާނެ. އަދި އަޅުގަނޑަށް ވެސް އެތާ އިންނަން ޖެހުނު. އެ ކަން ވެގެން ދިޔަ ގޮތް، އެތާ އެތެރޭގައި ބަހުސްތައް ކުރެވިގެން ދިޔަ ގޮތް އެއް ފަހަަރަށްވުރެ ގިނަ ފަހަަރު އެ މައްސަަލަ މަޖިލީހަށް ހުށަހަޅައިގެން އަޅުގަނޑުމެން ފާސްކުރީ. އެހެންވީމާ ހަގީގަތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވަން ވާނެ،" ރައީސް ވިދާޅުވިއެވެ.

23 ޖެނުއަރީ 2023: ކ. ގުރައިދޫގައި ރައީސް ޞާލިހު ރިޔާސީ ޕްރައިމަރީގައި ކެމްޕޭންގައި -- ފޮޓޯ/ ފޭސްބުކް
ރައީސް ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި މަސައްކަތްތަކެއް ނުކުރާކަމަށް ވިދާޅުނުވާނެ ކަމަަށެވެ. ނަމަވެސް ގެސްޓު ހައުސް ވިޔަފާރިކުރުމުގެ ފުރުސަތު ރަށްރަށަށް ލިބުނީ ރައީސް ނަޝީދުގެ ސަރުކާރުން ކަމެއް ކޮށްގެން ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސަތުގެ ވާހަކައާއެކު ނަޝީދަށް ރައްދެއް
ރައީސް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުން ކަމަށެވެ. އަދި ވަކިވަކި ރަށްތައް ވެސް ތަފާތުކުރުމެއް ނެތި ތަރައްގީކުރުން ކަމަށް ވިދާޅުވިއެވެ.
އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްނުކޮށް އެ ރަށްރަށުގެ އިގްތިޞާދު ކުރިއެރުވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން ރަށްރަށުގައި ނަރުދަމާއާއި ފެން ގާއިމްކޮށް، ބަނދަރުތައް ތަރައްގީކުރުމާއި މަގުތައް ހެދުމާއި، ތައުލީމާއި ސިއްހީ ހިދުމަތްތައް ގާއިމްކުރަން އިސްކަން ދެނީ އެހެންވެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
އެއާއެކު މި ސަރުކާރުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅަށް އެ މަނިކުފާނު ވަނީ ނުސީދާ ގޮތަކަށް ރައްދުދެއްވައިފައެވެ.
"އެހެންނަމަވެސް ޕާޓީގެ މި މުހިންމު ސިޔާސަތު އެއީ ކަމުނުދާ ސިޔާސަތުތަކެއް ކަމަށް ފެންނަ ބައެއް ބޭފުޅުން ޕާޓީ ތެރޭ މިހާރު އެބަތިބި. ކުދި ރަށްރަށުގައި ދިރިއުޅޭ އާބާދީތަކަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އެއީ ބޭކާރު ޚަރަދެއްކަމަށް ބައެއް ބޭފުޅުންނަށް އެބަ ގަބޫލުކުރެވޭ. އެ ވާހަކަ އެބަ ދައްކާ. އެހެންވީމާ މީގައި ވިސްނަންވީ ޕާޓީގެ ސިޔާސަތުތައް ކުރިއެވުމުގައި ކޮން ބައެއްތޯ ނިކުމެ މި ތިބީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ އެއް ޕާޓީއެއްގެ ތެރޭގައި ތިބި ބައެއް މީހުންގެ ވިސްނުން ބަދަލުވާން ދިމާވީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ. އަދި އެހެން ބޭނުމެއްގައި ދައްކަވާ ވާހަކަތަކެއް ކަމުގެ ތުހުމަތު ވެސް ކުރެއްވިއެވެ.
"އަބަދުވެސް އެމްޑީޕީއިން ވަކާލާތުކުރަމުން އައީ ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުމަށް. މިއަދު މުޅިން އިދިކޮޅަށް ވާހަކަދައްކަވަމުން ގެންދާކަމީ އެއީ ހަމަގައިމު ވެސް އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއް ނޫން. ވަކި އެހެން މަގްސަދެއްގައި ދައްކަވާ ވާހަަކަތަކަކަށް ވެދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫންކަމަށާއި، އެ ފަދަ އެއްވެސް ވިސްނުމަކާ ކައިރިނުވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރެވޭނީ އެ މަނިކުފާނަށް ދެވަނަ ދައުރަކަށް ވެރިކަމަށް އާދެވިގެން ކަމަށެވެ. އަދި އެ ކަމަށް ބޭނުންވާ ތާއީދު އޮތްކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.