ފިލްމު "ދާމިނީ" ، "ގާތަކް" އަދި "ގާޔަލް" ފަދަ ވަރުގަދަ އެކްޝަން ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރާޖްކުމާރު ސަންތޯޝީގެ ފިލްމަކަށް އެކްޓަރު ސަނީ ޑިއޯލް ސޮއިކޮށްފިއެވެ.

"ލާހޯރް-1947"ގެ ނަމުގައި އުފައްދާ މިފިލްމަކީ، "ގާތަކް" އަދި "ގާޔަލް"އަށްވުރެވެސް ބޮޑު ވަރުގަދަ ފިލްމަކަށް ވެގެންދާނެކަމަށް ރާޖްކުމާރު ސަންތޯޝީ ވަނީ ބުނެފައެވެ. ސައްބީސް އަހަރަށްފަހު ސަނީއާއި ރާޖްކުމާރު ސަންތޯޝީ އެކީގައި މަސައްކަތްކުރާ މި ފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ މި އަހަރުގެ މާޗް މަހުގެ ފުރަތަމަ ހަފުތާގައެވެ.

ފިލްމު "ދާމިނީ"އަށްފަހު ސަނީ ޑިއޯލްއާއި ރާޖްކުމާރު ސަންތޯޝީ ވެގެންދިޔައީ 90އިގެ އަހަރުތަކުގައި ވަރަށް ވަރުގަދަ އެކްޝަން ފިލްމުތަކެއް ސިނަމާއަށް ގެނެސްދިން ޓީމެއްގެ ގޮތުގައެވެ. މި މަހުގެ 26 ވަނަ ދުވަހު ރާޖް ކުމާރް ސަންތޯޝީގެ ފިލްމު "ގާނދީ ގޯޑްސޭ އޭކް ޔުދް" ރިލީޒްވުމުގެ މަރުޙަލާގައިއޮތްއިރު ފިލްމު "ލާހޯރް-1947"ގެ މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާކަމަށް ރާޖްކުމާރް ވަނީ ޕިންކްވިލާއަށް ދިން އިންޓަވިއުއްގައި ބުނެފައެވެ.

"ލާހޯރޮ-1947"އަކީ، އިންޑިއާ ބައިބައިވެ، ޕާކިސްތާނު އުފެދިގެން ދިޔަ ޙާދިސާގެ އިތުރުން ހިންދީންގެ ބަޔަކާއި ސިކުންގެ ބަޔަކު ބައިބައިވެ އެއްބަޔަކު އަނެއްބަޔަކަށް ބަދަލުކުރި ޙަމަލާތަކުގެ ޙަޤީޤަތް ކިޔައިދޭ ފިލްމެކެވެ. ރާޖްކުމާރު ބުނިގޮތުގައި އެކްޓަރު ސަނީ ޑިއޯލްއާއެކު މި ފިލްމާ ބެހޭ މަޝްވަރާތައް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. ފިލްމުގެ ބޮޑު ބައެއް އިންޑިއާގެ މުމްބައީގައި ޝޫޓްކުރުމަށް ނިންމާފައިވާއިރު ފިލްމުގެ ޝެޑިއުލް ފެށުމުގެކުރިން ފިލްމު ސްޓޫޑިއޯގައި ކުޑަ ކުޑަ ލާހޯރް ސިޓީއެއް ތައްޔާރުކުރާނެ ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ރާޖްކުމާރް ސަންތޯޝީ ސިފަކޮށްފައިވާ ގޮތުގައި މިއީ ޕްރޮޑިއުސަރު އަދި ފިލްމު ޑައިރެކްޓަރުގެ ހުވަފެނީ ޕްރޮޖެކްޓެއްވެސްމެއެވެ. ދިހަ އަހަރު ފަހުން އެ ހުވަފެން ޙަޤީޤަތަކަށްވުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް ވެސް ރާޖްކުމާރު ވަނީ ބުނެފައެވެ. މި ފިލްމުގެ މަސައްކަތް މިއަހަރުގެ މެއި މަހު ނިންމާލުމަށްފަހު ރާޖްކުމާރު ސަންތޯޝީ ދެން ތައްޔާރު ވާނީ ކޮމެޑީ ފިލްމެއްގެ މަސައްކަތް ފެށުމަށެވެ. އެ ފިލްމަކީ، މަޝްހޫރު ފިލްމު "އަންދާޒް އަޕްނާ އަޕްނާ" ފަދަ ހެއްވާ މަޖާ ފިލްމެއް ކަމަށާއި ފިލްމުގެ ނަމަކަށް ހަމަޖައްސާފައިވަނީ "އަދާ އަޕްނީ އަޕްނީ"ކަމަށްވެސް ޕްރޮޑިއުސަރު ވަނީ ބުނެފައެވެ. މި ފިލްމުގެ މަސައްކަތް ރޭވިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހަށެވެ.