އެކްޓަރު ސައިފް ޢަލީ ޚާންގެ އަންހެން ދަރިފުޅު އަދި ބަތަލާ ސާރާ ޢަލީ ޚާން މިހާތަނަށް މަސައްކަތްކުރަމުން ދިޔަ ކަލެކްޓިވްއިން ވަކިވެ ދަރްމާ ކުންފުނީގެ ދަށުން ހިންގާ ދަރްމާ ކޯނާ ސްޓޯން އެޖެންސީއާ ގުޅިއްޖެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވަނީ، ސާރާ ވަނީ ފަސް އަހަރު ވަންދެން ދަ ކަލެކްޓިވްގައި މަސައްކަތްކޮށްފައި ކަމަށެވެ. އެ ކުންފުނިން ސާރާ ވަކިވެފައި ވަނީ ދެ ފަރާތުންވެސް އެއްބަސްވުމަކަށް އައުމަށްފަހުއެވެ. ސާރާގެ މި ނިންމުމަކީ، ބަތަލާގެ ފިލްމީ ކެރިއަރުގެ ކުރިމަގު މިހާރަށްވުރެ ރަގަޅަށް ބައްޓަންކުރުމަށް އެޅި މުހިއްމު ފިޔަވަޅެކެވެ.

ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ބައްޕަ ޔަޝް ޖޯހަރު އުފެއްދި ފިލްމު ކުންފުނި ދަރްމާ ކުންފުނީގެ ދަށުން ހިންގާ ދަރްމާ ކޯނާ ސްޓޯން އެޖެންސީއަށް ބަތަލާ ސާރާ ސޮއިކޮށްފައިވާކަމަށް ޕިންކް ވިލާ ނޫހުން ވަނީ ކަށަވަރުކޮށްދީފައެވެ. ސާރާ ޢަލީ ޚާންއާއި ދަރްމާގެ ކޯނާ ސްޓޯން އެޖެންސީއާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ސާރާގެ ފިލްމީ ކެރިއަރުގެ ގިނަ ފިލްމީ ޕްރޮޖެކްޓްތައް ބަލަހައްޓަމުން ގެންދާނީ މި އެޖެންސީންނެވެ.

އޭގެތެރޭގައި ސާރާއަށް ލިބޭ ފިލްމީ ފުރުޞަތުތަކާއި، ވެބް ސީރީސްތަކާއި ތަފާތު އެކި ބްރޭންޑްތަކުގެ އިޝްތިހާރު ނުވަތަ އެންޑޯސްމަންޓް ހިމެނެއެވެ. ދެހާސް އަށާރަ ވަނަ އަހަރު ފިލްމު "ކެދަރުނާތް"އިން ހިންދީ ސިނަމާއަށް ނިކުތް ބަތަލާ ސާރާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކަކީ ބެލުންތެރިން މާގަޔާވާ ފިލްމުތަކަކަށް ވަނީ ނުވެފައެވެ.

ސާރާގެ ފިލްމީ ކެރިއަރު ފެށި ދުވަސްވަރާ ދިމާކޮށް ކޮވިޑްގެ ހިޔަނިވެސް ބަތަލާގެ ފިލްމީ ކެރިއަރަށް ވަނީ އެޅިފައެވެ. ޒުވާން ޢުމުރުގައި ފިލްމީ ކެރިއަރު ކޮޅަށް ނެގުމަށް މިއީ ކޮންމެހެން ވެސް ބަތަލާއަށް ނިންމަން ޖެހުނު މުހިއްމު ނިންމުމެއްކަމަށް ޕިންކްވިލާއިން ވަނީ ސިފަކޮށްފައެވެ.

ސާރާގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް އަންނަނީ މި އެޖެންސީގެ ދަށުން ފިލްމީ ކެރިއަރު ތަރައްޤީ ކުރަމުންނެވެ. ނިމުނު އަހަރު ނޮވެމްބަރު މަހުގެތެރޭ އެކްޓަރު ޓައިގާ ޝްރޮފް ވެސް ވަނީ ދަ ކަލެކްޓިވްގެ އެއްބަސްވުން ބާޠިލުކޮށް ދަރްމާގެ އެޖެންސީއާއި ގުޅިފައެވެ. މީގެއިތުރުން ޔާޝް ރާޖް ފިލްމްސް ކުންފުންޏާއެކު މަސައްކަތްކުރަމުން އަންނަ ހުނަރުވެރި އެކްޓަރު ރަންވީރް ސިންގް ވެސް ވަނީ ދަރްމާގެ ދިދައިގެ ދަށުން ހިޔާވަހިކަން ހޯދާފައެވެ. ބަތަލާ އަނަންޔާ ޕާންޑޭ، ތަމަންނާ ބާޓިއާ، ތްރިޕްތީ ދިމްރީ އަދި ވިޖޭ ދެވެރަކޮންޑާއަކީ މި އެޖެންސީގައި މިހާރު މަސައްކަތްކުރާ ފަންނާނުންނެވެ.

ބަތަލާ ސާރާ ޢަލީ ޚާންގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭގައި އެކްޓަރު ވިކީ ކޯޝަލްއާއެކު ކުޅޭ ފިލްމު "ޒަރާ ހަޓްކޭ، ޒަރާ ބަޗްކޭ"، ރަމޭޝް ތޯރާނީގެ "ގޭސް ލައިޓް" އަދި ދަރްމާ ކުންފުނީގެ ޚާއްޞަ ޕްރޮޖެކްޓް "އޭ ވަޠަން މެރޭ ވަޠަން" ހިމެނެއެވެ.