ނަވާރަސަތޭކަ ނުވަދިހަ ހަތަރެއްގައި ރިލީޒްވި މަޝްހޫރު ފިލްމު "ވިޖޭޕަތް" އަށްފަހު އެކްޓަރު އަޖޭ ދޭވްގަންއާއި އެކްޓްރެސް ތައްބޫގެ އޮން ސްކްރީން ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށްބޮޑަށް ކަމުދިޔައެވެ.

ކެރިއަރުގެ އާކޮޅުގައި އަޖޭއާއެކު މާ ގިނަ ފިލްމުތައް ކުޅެން ބަތަލާއަށް ފުރުޞަތު ނުލިބުނަސް ފަހަކަށް އައިސް ދެ ތަރިން އެކީގައި ގިނަ ފިލްމުތަކެއް ވަނީ ކުޅެފައެވެ. އަޖޭއާއެކު އެންމެ ފަހުން ތާބޫ ފެނިގެންދިޔައީ ފިލްމު "ދްރިޝްޔަމް 2"އިންނެވެ.

މި ފިލްމުގެ ފުރަތަމަ ބައިންވެސް އަޖޭއާއެކު ތައްބޫ ވަނީ ފެނިގެން ގޮސްފައެވެ. "ބޯލާ" ނަމަކަށްކިޔާ ފިލްމަކުން ދެތަރިން އެކީގައި މި އަހަރުގެ މާރޗް މަހުގެ 30 ގައިވެސް ސިނަމާއިން ފެނިގެންދާނެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން މަޢުލޫމާތުދޭގޮތުގައި އަޖޭއާއި ތައްބޫ ވަނީ ޕްރޮޑިއުސަރު ނީރަޖް ޕާންޑޭގެ ފިލްމަކަށް ސޮއިކޮށްފައެވެ. ވަރަށް އަވަހަށް މި ފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު މި ފިލްމަކީ، ރޮމޭންޓިކް ތްރިލާއެކެވެ. ފިލްމުގައި އަޖޭއާއި ތައްބޫގެ ކުރިމަތިލުންތަކެއް ފެނިގެންދާނެކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފިލްމުގައި ތައްބޫ ފެނިގެންދާ ރޯލަކީ މިހާތަނަށް ތައްބޫ ފެނިފައި ނުވާ ތަފާތު ރޯލެއްކަމަށް މަޢުލޫމާތު ލިބެއެވެ. ޕިންކްވިލާއިން ބުނެފައިވާގޮތުގައި އަޖޭއާއި ތައްބޫގެ އިތުރުން އެކްޓަރު ޖިމީ ޝެރްގިލް އަދި ޒުވާން ބަތަލާ ސައީ މަޖްރެކަރު މުހިއްމު ރޯލްއިން ފެނިގެންދާނެއެވެ. ފިލްމުގެ ޝޫޓިންގް އިންޑިއާގެ ލަކްނައު އާއި މުމްބާއީގައި ކުރިޔަށްދާއިރު މި ފިލްމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނީރަޖްގެ ފަރާތުން މީޑއާއަށް ވަނީ ނުލިބިފައެވެ.

އެކްޓަރު އަޖޭއާއި ބެހޭގޮތުން މީޑިއާގައި ވާހަކަދައްކަމުން ތައްބޫ ބުނެފައިވަނީ އަޖޭއަކީ، ވަރަށް ތަފާތު ޝަޚްޞިއްޔަތެއްގެ ވެރިއެއް ކަމަށެވެ. އެއީ ރަޙްމަތްތެރިއެއްގެ ރޯލުންވިޔަސް، ކޯ އެކްޓަރެއްގެ ރޯލުންވިޔަސް ނުވަތަ ޑައިރެކްޓަރެއްގެ ރޯލުންވިޔަސްމެއެވެ. ފިލްމު "ބޯލާ"ގެ އިތުރުން "މައިދާން"އިންވެސް އަޖޭ ދޭވްގަން މިއަހަރު ބެލުންތެރިންނަށް ފެނިގެންދާނެއެވެ.