23 Jan 2023, 00:14
ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނަން ފެށި ފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި ޗައިނާ ހިމެނިއްޖެއެވެ.
ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ތިން އަހަރުގެ މެދުކަނޑުމަކަށްފަހު، ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޗައިނާއިން ވަނީ ރާއްޖެއަށް 2،239 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދާއެކު އެ ގައުމު ވަނީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ނުވަ ވަނަ ގައުމަށްވެފައެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 115،177 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރި ފަސް ގައުމަކީ، ރަޝިއާ، އިޓަލީ، އިންޑިއާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތެވެ.
ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައި މިވަނީ، އެ ގައުމުގެ ބެއިޖިން ކެޕިޓަލް އެއާލައިނުގެ ޗާޓަރު ދަތުރުތައް ފެށުމާ ގުޅިގެންނެވެ. ބެއިޖިން ކެޕިޓަލުން އަންނަ މަހުގެ 22ގެ ނިޔަލަށް ދަތުރުތައް ބާއްވާއިރު، މި މުއްދަތުގެ ތެރޭގައި ހަފުތާއަކު ހަތަރު ފްލައިޓު ރާއްޖެ އަންނާނެއެވެ.
ބެއިޖިންގް ކެޕިޓަލް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވަނީ އެއާބަސް 300-A330 މަރުކާގެ ބޯޓުގައެވެ. މިއީ 306 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

ޗައިނާ މާކެޓްގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ރާއްޖެއައި ބެއިޖިން ކެޕިޓަލް އެއާލައިންސް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ކޮވިޑުގެ ކުރިން ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަމްބަރު މާކެޓެވެ. ފަތުރުވެރިކަމުގެ ތާރީޚަށް ބަލާއިރު، ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވެފައިވަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ.
ދެހާސް ތޭރަ ވަނަ އަހަރު ޗައިނާގެ ރައީސް ކަމާ ޝީ ޖިން ޕިން ހަވާލުވެވަޑައިގަތް ފަހުން ޗައިނާގެ ރައްޔިތުން ގައުމުން ބޭރަށް ދަތުރުކުރުމަށް ދިން ލުއިތަކާއެކު އެ ގައުމުގެ ފަތުރުވެރިންގެ އެންމެ މަގުބޫލް މަންޒިލަކަށްވީ ދިވެހިރާއްޖެއެވެ. ނަތީޖާއެއްގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރަމުން އައި ފަތުރުވެރިންގެ އަދަދު އަހަރަކަށްވުރެ އަހަރެއް ދިޔައީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ޗައިނާގެ ޝަންގހައިގަ 2010 ވަނަ އަހަރު ބޭއްވި ޝަންގހައި ވޯލްޑް އެކްސްޕޯގައި ރާއްޖޭގެ ސަގާފީ ބޮޑުބެރުގެ އައިޓަމެއް ހުށަހަޅައިދެނީ---
އޭގެކުރިން ޗައިނާގެ ޝަންހާއިގަ 2010 ވަނަ އަހަރު ބޭއްވި ޝަންހާއި ވޯލްޑް އެކްސްޕޯގައި އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ވަނީ ޗައިނާ މާކެޓަށް އަމާޒުކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވަރުގަދަ ކެމްޕެއިންތަކެއް ކުރިއަށްގެންގޮސްފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭފުޅުން ފާހަގަކުރާގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ޗައިނާ މާކެޓް ފުޅާވި ގޮތަކީ އެއީއެވެ.